ހއ. އުލިގަމުގައި ޓުއަރިސްޓް ހޮޓަލެއް، ޔޮޓު ބަނދަރާއެކު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލުމުން އެއްވެސް ފަރާތެއް ބީލަން ހުށަހަޅާފައި ނުވާތީ އަލުން ބީލަމަށް ހުށަހަޅަން ހުޅުވާލުމަށް ނިންމައިފި އެވެ.

ޓުއަރިސްޓް ހޮޓަލެއް، ޔޮޓު ބަނދަރާއެކު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުގައެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ބުނެފައިވަނީ ބީލަމަށް ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވިއިރު އެއްވެސް ފަރާތެއް ބީލަމަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އަލުން މި މަހުގެ ތެރޭގައި އެ މަސައްކަތުގެ ބީލަމަށް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެއްވެސް މީހަކު ބީލަން ހުށަހަޅާފައި ނުވިނަމަވެސް ގިނަ ބައެއް ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައި ކަމަށެވެ. އަދި ދެ ފަރާތަކުން ވަނީ ބީލަން ފޮތްވެސް ގަނެފައި ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެ މިނިސްޓްރީއިން ކުރީން ބުނެފައިވަނީ އުލިގަމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓުއަރިސް ހޮޓަލަކާއެކު ޔޮޓު ބަނދަރެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އުލިގަމުގައި ޔޮޓް ބަނދަރެއް ގާއިމުކުރާއިރު އެ ސަރަހައްދަކީ ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރާ ސަރަހައްދެކެވެ.

އުލިގަމުގައި ބަނދަރުކުރާ އުޅަނދު ފަހަރު 2010 ވަނަ އަހަރުން ފެށިގެން މަދުވެފައިވާ ކަމަށާއި އެކަން އެގޮަށް ދިމާވީ، އެ ރަށަށް ބަދަނރުކުރާ އުޅަނދުތަކުން ނަގަމުން ގެންދިޔަ ފީތައް ކުއްލިއަކަށް ބޮޑުކުރުން ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ ކުރީން ބުނެފައެވެ.

އެކަމާ ގުޅިގެން އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން، ކަސްޓަމްސްއިން ނަގާ ފީތަކަށާއި އަމަލުކުރާ އުސޫލުތަކަށް ވަނީ ލުއި ތަކެއް މިއަހަރުގައި ދީފައެވެ.