"ވަރަށް ދެރަވެފައި ބުނީ، އެކަނިމާ އެކަނިއޭ މިއުޅެނީ، ކާ އެއްޗެއް ނެތޭ. ބޯނެ އެއްޗެއްވެސް ނުލިބެއޭ. ރިސޯޓުން އަޅާނުލިއޭ،" މިއީ މިދިޔަ ހުކުރު ދުވަހު ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި އާދަމް ނަސީރު އޭނާގެ އަނބިމީހާ، ޒުނޭރާ މުހައްމަދަށް ކުރި ފަހު ފޯނު ކޯލުގައި ދެއްކި ވާހަކަ އެވެ.

އޭނާ މަރުވީ ދެ ހަފްތާއެއްހާ ދުވަސް ވަންދެން ބަލިކޮށް އުޅުމަށްފަހު، އިތުރު ފަރުވާއަށް އެ ރިސޯޓާ ކައިރީ އޮންނަ ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ ވެސް މަރުވި ފަހުންނެވެ.

އަންހެނުން ޒުނޭރާއަށް، އާދަމް ފަހު ކޯލު ކުރީ، އޭނާ މަރުވި ދުވަހުގެ މެންދުރެވެ. އޭނާ މަރުވީ، އެމެޖެންސީގައި އެދުވަހު ހަވީރު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު، އޭގެ ހަތަރު ގަޑިއެއްހާއިރު ފަހުންނެވެ.

އާއިލާއިން ތުހުމަތު ކުރަނީ، އޭނާ މަރުވުމުގައި އެ ރިސޯޓުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

"ބަލިވެ އެތާ އޮތް އިރު، އެމީހުން އެހީއެއް ނުވުމުން އެއީ އިހުމާލެއް. އެންމެ ދުވަހަކު ނޫނީ އެއްް ހަފްތާއަކު ނޫން އެ ހާލުގައި އޮތީކީ. ދެ ހަފްތާއެއްހާ ދުވަސް އޮތް ބަލި އެނދުގައި،" އާދަމްގެ އަންހެނުން ޒުނޭރާ، 53، އަސަރާ އެކު "ސަން" އަށް ކިޔައިދިނެވެ.

"މަރަކީ އެހެން ކަމެއް[އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ އެއްޗެއް ނޫން]. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ އަޅާލުމެއްވީ ނަމަ، އަހަރުމެންނަށް ފެނުނީސް. އެކަނިމާ އެކަނި އެހެން އޮވެ އެ ދިޔައީ މަރުވެގެން،"

އުމުރުން 60 އަހަރުގެ އާދަމް އަކީ އެ ރިސޯޓު ހިންގާ ކުންފުނީގެ އެކި ރިސޯޓްތަކުގައި ކޮންސްޓަރަކްޝަން މަސައްކަތް ކުރާތާ މިހާރު 12 ވަރަކަށް އަހަރުވެފައިވާ ފަރާތެކެވެ. ޒުނޭރާ ބުނި ގޮތުގައި، އެތައް ފަހަރެއްގެ މަތިން ރިސޯޓުގެ މެނޭޖްމަންޓުގައި އާދަމް ރިސޯޓުން މާލެ ފޮނުވުމަށް އެދި އާދޭސް ކުރި އެވެ.

"މިހާރު ހާލަތު އޮތް ގޮތުން ރިސޯޓުން އެހެން ރަށަކަށް ނުވެސް ދެވޭ އަމިއްލައަކަށް. ރިސޯޓުން ފޮނުވީމަ ނޫންތޯ ދެވޭނީ، އާދަމް އެތައްފަހަރަކު ރިސޯޓުން އޭނާ ފޮނުވުމަށް އެދުނު. އެކަމަކު އެމީހުން އަޅާ ނުލި،" ޒުނޭރާ ބުންޏެވެ.

"ކޮންމެ ފަހަރަކު ބުނާނެ، އެމީހުން [ރިސޯޓުން] ފޮނުވީމަ ނުންހޭ ދެވޭނީ،"

ޒުނޭރާ ބުނީ، އޭނާ އެންމެ ފުރަތަމަ ބަލިވާން ފެށީ މިދިޔަ މަހުގެ 18 ހިސާބުގަ އެވެ. އޭރުވެސް ރިސޯޓުގެ ޑޮކްޓަރަށް ދައްކައި، ބޭސްކައިގެން ވެސް ރަނގަޅު ނުވި ކަމަށް އޭނާ ބުންޏެވެ. އޭގެ ތިން ވަރަކަށް ދުވަސް ފަހުން ބަލި ހާލަތު އިތުރަށް ގޯސްވި ކަމަށް އޭނާ ބުންޏެވެ.

"އެއްފަހަރު ފާހާނާ ތެރެއަށްވެސް އޭނާ ވެއްޓުނު ހޭނެތިގެން. އެ ވާހަކަވެސް ބުނީ ރިސޯޓު ކުއްޖެއް،" ޒުނޭރާ ބުންޏެވެ. އާދަމް މަރުވި އިރު، އެ ދެމަފިރިންގެ ފަސްކުދިން އެބަތިއްބެވެ.

އޭނާ ބުނީ، އާދަމް އަކީ މާ ބޮޑު ސިއްހީ މައްސަލައެއް ވެސް ހުންނަ މީހެއް ނޫން ކަމަށާއި ވަރަށް ފިޓްކޮށް ހުންނަ ސިއްހަތު ރަނގަޅު މީހެއް ކަމަށެވެ. ޒުނޭރާ ބުނި ގޮތުގައި އާއިލާއިން ބޭނުންވަނީ އެފަދަ ކަމެއް އެހެން މީހަކަށް ތަކުރާރު ނުވުމެވެ.

"އެމީހުން އަތުން އަގެއްވެސް ބޭނުމެއް ނޫން. އަޅުގަނޑު އެންމެ ބޮޑަށް އެދެނީ އެހެން މީހަކަށް އެފަދަ ކަމެއް ދިމާ ނުވުން. އިބުރަތަކަށްޓަކައި ވެސް މިފަދަ ކަމެއް އެހެން މުވައްޒަފަކަށް ދިމާ ނުވުން. ބޭނުމަކީ ރިސޯޓުގެ އަގުވައްޓާލާކަށްވެސް ނޫން،" ޒުނައިރާ ބުންޏެވެ.

ފުލުހުން އަދި އެޗްއާރުސީއެމްއިން މައްސަލަ ބަލަނީ!

އިހުމާލުވުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލަ ތަހުގީގު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިހާރު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފަ އެވެ.

ރޭ އެޗްއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހެޅީ، ރިސޯޓުގައި ބަލި ފެތުރުނު ގޮތް ބެލުމަށް، މިނިސްޓްރީގެ ޓީމެއް އެ ރިސޯޓަށާއި ދ. އަތޮޅު ހޮސްޕިޓަލަށް ކުރި ޒިޔާރާތުން ހޯދި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ހޯދުންތަކެއް ކަމުގެ ތަފްސީލެއް ނަޒްލާ ނުދެއްވަ އެވެ.

ފުލުހުންގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް އަންނަނީ މިހާރު އެ މައްސަލަ ބަލަމުންނެވެ. އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ ކޮމިޝަނުން އިސްނަގައިން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންް އަންނަ ކަމަށެވެ.

މި މައްސަލައާ ގޮތުން އަދި މިހާތަނަށް ރަސްމީކޮށް ރިސޯޓުން އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އެ ރިސޯޓަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ރިސޯޓުގެ ބަހެއް "ސަން"އަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެ ރިސޯޓަށް ކުރެވޭ ތުހުމަތުތައް އެ ރިސޯޓުން ދޮގު ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ކަނޑިންމަ ރިސޯޓުގެ މައްސަލައާ ވިއްދާ ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަތުރުވެރިންނަށް ހިދުމަތްދޭ ބައެއް ތަންތަނުން، ކޮވިޑް19 އާ ގުޅިގެން އެކުލަވާލާފައިވާ އެސްއޯޕީ އާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުނުކުރާކަމަށެވެ. އަދި އެފަދަ ތަންތަނަށް، ދޫކޮށްފައިވާ ހުއްދަ ކުރިން އެންގުމަކާ ނުލާ ސަސްޕެންޑުކުރަން ޖެހިދާނެކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފަ އެވެ.

އަދިވެސް އަރާ ފޭބުން މަނާކޮށްފައިވާ ކަޑިންމަ ރިސޯޓުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ މިހާތަނަށް 50 އަށް ވަނީ އަރައިފަ އެވެ. މިއީ މިފަހުން ފެނުނު އެންމެ ބޮޑު ކުލަސްޓާ އެވެ.