05 Nov 2020, 18:27
ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުމެއް ދީފިއެވެ.
ހެނދުނު ރޫޓު ފިހާރައިގެ 4.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވޭނެއްގައި ބީއޯސީއަށް ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ ބީއޯސީ ކުރިމަތިން އެ ފައިސާ ފޭރެން މަސައްކަތް ކޮށްފަ އެވެ. އެކަން ހުއްޓުވީ ވޭނުގައި ތިބި ރޫޓު ފިހާރައިގެ މުވައްޒަފުންނާއި ބީއޯސީ ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެކެވެ.
ފޭރުން ނާކާމިޔާބު ކޮށްލީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ސެކިއުރިޓީ ގާޑު އަހްމަދު ހަސަން މަނިކެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އަހްމަދު ހަސަން މަނިކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
އިސްމާއީލް ނަވީން ދެއްކެވި ވާހަކައިގައި، އަހްމަދު ހަސަން މަނިކުގެ ޖެހިލުންކުޑަކަމާއި ހިތްވަރު ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް އެކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭކަން ފާހަގަކުރައްވައި، އަދި ބޮޑެތި ހާދިސާ ތަކުގައި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާތީ، އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
ރޫޓު ފިހާރައިގެ ފަރާތުން ވެސް ވަނީ ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.
ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.