05 Nov 2020, 18:24
އެއް ފަހަރު ބޭނުންކޮށްފައި އުކާލައި ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގެ އިތުރުން އެ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ރައީސް ސޯލިހު އެގޮތަށް ނިންމަވާފައިވަނީ އެންވަޔަރަންމެންޓް މިނިސްޓްރީއިން އެކުލަވާލައިފައިވާ ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ވިދާޅުވެފައިވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަމަށެވެ.
އެއް ފަހަރު ބޭނުންކޮށް އުކާލައި ޕްލާސްޓިކް އެތެރެކުރުމާއި އުފެއްދުން ހުއްޓާލުމަށްޓަކައި އެންވަޔަރަންމެންޓް މިނިސްޓްރީއިން ވަނީ ހާއްސަ ޕްލޭނެއް އެކުލަވާލާފައެވެ. އޭގެއިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން،" އެ ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ވަނީ އެކަށައަޅާފައެވެ.
ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރަން ފެށުމުން ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓާލާނެއެވެ. އަދި ހަމަ އެފަދައިން ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މިންވަރު މަދުކޮށް އެ ބާވަތުގެ ކުނީގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ކުޑަކުރާނެއެވެ.