އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަންމާލަން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ޑިސެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 12 މާޗު 2020 އިން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުުއްލި ނުރައްކަލުގެ ހާލަތު ޑިޒެމްބަރު ފަހެއްގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާކަމަށެވެ.

އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރަށް ލަފާދެއްވާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައި ވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓާ ޖެނެރްއަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 11،822 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 10،991 މީހުން ވަނީ ބަލިން ރަނގަލުވެފައވެެ. ބަލީގައި 38 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ.