20 Jan 2012, 21:15
މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މިރޭ ބުނެފި އެވެ.
އެޗްއާރްސީއެމުން ބުނީ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން އާއްމު ރައްޔިތުންނާއި ގޯތި ގެދޮރަށާއި އާއްމު ޢިމާރާތް ތަކުގެ އިތުރުން ދައުލަތުގެ މުދަލަށް ގެއްލުން ވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"...ތިމާގެ މިނިވަންކަމުގެ ހުދޫދަކީ އަނެކާގެ ހައްގާއި މިނަވަންކަމަށް ބުރޫ ނާރާ ގޮތަށް ތަންފީޒުވާން ޖެހޭ ކަންކަމަށް ވާހިނދު މުޒާހަރާ ކުރާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބިފައިވާ މިނިވަންކަން ޒިންމާދާރު ގޮތެއްގައި އަނެކާއަށް ގެއްލުން ނުވާ ގޮތަށް ބޭނުންކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަން،" ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމުން ބުނީ އެއްވުންތަކުގެ މައުލޫމާތު މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭއިރު މުޒާހިރާގައި ދައްކާ ވާހަކަތަކުގެ ސަބަބުން މީހުންގެ ހިތް ތަކުގައި ނަފުރަތާއި ރުޅިވެރިކަމާއި ބިރުވެރިކަން އުފެދި މުޖުތަމައުގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއި ފޭރާން ބަލިކަށިވެ އެކަކު އަނެކަކަށް ކުރަން ޖެހޭ އިތުބާރާއި އިހްތިރާމް ގެއްލި ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭ މާހައުލެއް ގާއިމްކުރުމަށް ގިނަގުނަ ހުރަސް ތަކެއް ކުރިމަތި ވަމުންދޭ،" ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނި ދެބަސް ވުންތައް ހައްލު ކުރުމުގައި ބިނާކުރަނިވި މަޝްވަރާ އާއި ސުލްހަވެރި އުސޫލުތައް އިސްކުރުމަށް އެކޮމިޝަނުން ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.