ފަތުރުވެރިން އަންނަން ލުއިގޮތްތަކައް ފަހިކޮށްދޭން ޖެހޭ ކަމަށާއި އެ ލުއިތަކާއެކު ވެސް ބޯޑާ ސެކިއުރިޓީ ބެލެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަންގެ އެސްއޭޕީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ފައިދާވާނީ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށާއި އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅާފައިވާނީ ވެސް ފަތުރުވެރިން އިތުރުކުރުމަށްޓަކައި އިތުރު ލުއިފަސޭހަތަކަކާއެކު ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ހުރިހާ ކަމެއް ބިނާވެފައި މިއޮންނަނީ ޓޫރިސްޓުން އައި ވަރަކަށްކަން. މިހާރު އިމިގްރޭޝަން ގާނޫނަށް އެ ވިސްނުމުގައި ބައިވަރު ބަދަލުތަކެއް ހުށަހެޅިފައި ވަނީ. ވިސާ ދިނުމުގައި ވެސް ފަސޭހަވާނެ ފަދަ ގޮތްތަކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ގާނޫނަށް މިހާރު ގެނެސްފައިހުރި ބަދަލުތަކުން ވެސް ސަރުކާރުގެ ވިސްނުމުގައި ފަތުރުވެރިން އައުމަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަން ފެންނާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. އަދި މި ލުއިތަކާއެކު ވެސް ބޯޑާ ސެކިއުރިޓީ ތަންފީޒު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އެ ގާނޫނަށް ގެނެވިފައި ހުރި ބަދަލުތަކުގެ ތެރެއިން ސަރުކާރުގެ ވިސްނުން އެބަ ހާމަަވޭ، އަޅުގަނޑުމެން ބުނާ ކަހަލަ އަންނާށޭ. ކުރިން މިއޮންނަނީ ނާންނާށޭ، ވަރަށް ބޮޑަށް ހަރުކަށި އުސޫލަކުން. ބޯޑާ ކޮންޓްރޯލް ކުރަން ޖެހޭ، އެ ސެކިއުރިޓީ ދަމަހައްޓަން ޖެހޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދެބައި ބެލެންސްކޮށްގެން ކުރިއަށްގެންދެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފުދުންތެރި ގައުމަކަށް ހެދޭނީ މި ބަދަލުތަކާ އެއްގޮތަށް ހުރިހާ އެންމެންގެ ވިސްނުންވެސް ބައްޓަން ކޮށްގެން ކަމަށެވެ.