ބާރަ އަހަރަށް ފަހު މޯލްޑިވްސް އިމިގްރޭޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އިފްތިތާހުކޮށްފި އެވެ.

މިކަމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ އިމިގްރޭޝަންގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް މި ސަރުކާރުގައި ގެންނަމުންދާ ކަމަށެވެ. އެގޮތުން 12 އަހަރަށްފަހު މިއަދު އިމިގްރޭޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕޭލެނެއް އިފްތިތާހު ކުރުމަކީ އެ ބަދަލުތަކުގެ ފައުންޑޭޝަންގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މިހާރު ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަނީ ހޯލް އޮފް ގަވަމަންޓް [މުޅި ސަރުކާރު ގުޅިގެން] އެޕްރޯޗެއްގައި. ބިދޭސީންގެ ކަންކަމުގައި މަސައްކަތް ކުރަމުން މިދަނީ ހުރިހާ މުއައްސަސާތަކާއި މިނިސްޓްރީތައް ގުޅިގެން." ހަނަފީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިމިގްރޭޝަނަކީ އެންފޯސްމަންޓް އެޖެންސީއެއް ނަމަވެސް އިމިގްރޭޝަނުން ރާއްޖޭގެ އިގްތިސާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އެގޮތުން ޓޫރިޒަމަކީ އިގްތިސާދަށް އެންމެ މުހިންމު ސިނާއަތް ކަމަށްވާއިރު، ރާއްޖެއަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ މުހިންމުކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މުޅި އިގްތިސާދު އަދި ގާތްގަނޑަކަށް ހެން ބިނާވެފައި މިއޮންނަނީ ޓޫރިޒަމަށް. ރާއްޖެއަށް އަންނަ ފަތުރުވެރިއަކަށް ވިޔަސް މަސައްކަތްތެރިއަކަށް ވިޔަސް، ރާއްޖެ ފުރަތަމަ ފެންނަނީ އިމިގްރޭޝަން އޮފިސަރެއްގެ ކުރިމަތިން. ރާއްޖޭގައި ކުރާ ތަޖުރިބާއެއް ކުރުމަށްފަހު ފުރައިގެން ދާއިރު އެންމެ ފަހުން ވެސް ރަސްމީ ސިފައެއްގައި ފެންނަނީ އިމިގްރޭޝަން." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އަލަށް އިފްތިތާހު ކުރި އިމިގްރޭޝަންގެ އެސްއޭޕީގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި މައިގްރޭޝަން މެނޭޖްމަންޓް، ބޯޑާ ކޮންޓްރޯލް ފެސިލިޓޭޝަން އަދި އިމިގްރޭޝަން ރީފޯމް ކުރުން ހިމެނެ އެވެ.