05 Nov 2020, 11:56
މުމްބާއީ (ނޮވެމްބަރު 5): އިންޑިއާގެ ރިޕަބްލިކް ޓީވީގެ ވެރިޔާ އަދި ޗީފް އެޑިޓަރު އަރުނަބު ގޮސްވާމީ އިއްޔެ ހައްޔަރުކޮށްފި އެވެ.
މަހާރަޝްތުރާގެ ފުލުހުން ބުނި ގޮތުގައި ގޮސްވާމީ ހައްޔަރު ކުރީ އޭނާގެ ސްޓޫޑިއޯ ޑިޒައިން ކުރި އާކިޓެކްޓް، އަންވޭ ނައިކް 2018 ވަނަ އަހަރު އަމިއްލައަށް މަރުވުމުގައި ގޮސްވާމީގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި އަލިބާގްގެ ކޯޓަކުން އިއްޔެ ވަނީ އޭނާ ބަންދުގައި ބަހައްޓަން 12 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
ކޮންކޯޑް ޑިޒައިންސް ކިޔާ ކުންފުންޏެއްގެ ވެރިން ކަމަށްވާ ނައިކް އާއި އޭނާގެ މަންމަ މަރުވެފައި އޮއްވާ ފެނުނީ އެ ދެ މީހުން ދިރިއުޅުނު ގެއިން މެއި 2018އިގަ އެވެ. އަދި ނައިކް ލިޔެފައިވާ ނޯޓެއްގައިވާ ގޮތުން އޭނާ މަރުވީ އޭނާގެ ކުންފުންޏަށް ގޮސްވާމީއާއި އިތުރު ބަޔަކު ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކަމަށް އޭނާ ބުނެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.
އެ މައްސަލަ މީގެ ކުރިންވެސް ތަހުގީގު ކުރުމަށް ފަހު މިދިޔަ އަހަރު ރައިގާޑްގެ ފުލުހުން ވަނީ ގޮސްވާމީއާ ދެކޮޅަށް ހެކި ލިބިފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ބެލުން ހުއްޓާލާފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން ތަހުގީގު ކުރަން ނައިކްގެ ދަރިފުޅު އެދިފައިވާ ކަމަށް ބުނެ މަހާރަޝްތުރާގެ ހޯމް މިނިސްޓްރީން އެ މައްސަލަ އަނެއްކާވެސް ތަހުގީގު ކުރަން މިދިޔަ މެއި މަހު އެންގި އެވެ.
ކަނާތު ފިޔައިގެ ނޫސް ޗެނަލްއެއް ކަމަށްވާ ރިޕަބްލިކް ޓީވީގައި އިސްކޮށް ހުންނަވާ ގޮސްވާމީ ވަނީ މަހާރަޝްތުރާގެ ސަރުކާރަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފަ އެވެ. އެ ސަރުކާރު ހިންގާ ކޮލިޝަނުގައި އިސްކޮށް އޮންނަ ޕާޓީއަކީ ވެރިކަން ކުރާ ބާރަތިޔާ ނެޝަނަލް ޕާޓީއާ ގުޅިގެން މީގެ ކުރިން މަސައްކަތް ކުރި ޝިވް ސޭނާ ޕާޓީ އެވެ.
ރިޕަބްލިކް ޓީވީން ނެރުނު ބަޔާނެއްގައިވާ ގޮތުން ގޮސްވާމީ ހައްޔަރު ކުރުމުގެ ތެރޭގައި އޭނާއަށް ވަނީ އަނިޔާކޮށްފަ އެވެ. އަދި އޭނާ ހައްޔަރު ކުރީ ނޫސްވެރިއަކަށް ވީތީ ކަމަށް ތުހުމަތުކޮށްފަ އެވެ.