05 Nov 2020, 09:47
ކޮވިޑް-19އާ ގުޅުންހުރި ކަންކަމަށް ދައުލަތުން ކުރި ހަރަދުތައް 2.6 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހާ ހަމައަށް ސިއްހީ އަދި އިޖުތިމާއީ ހަރަދުތަކަށް ދައުލަތުން ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިންނެވެ. އެންޑީއެމްއޭއިން 787.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހަރަދުކުރީ ހެލްތު މިނިސްޓްރީން، 203.8 މިލިއަން ރުފިޔާ އެވެ.
މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ހޯދަން ޖެހޭ ތަކެތި ހޯދުމަށެވެ. މިކަމަށް ދައުލަތުން ވަނީ 521.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އޮކްޓޫބަރު 29އާ ހަމައަށް ކޮވިޑް19އާ ގުޅިގެން އިގްތިސާދީ ކަންކަމަށް ޖުމުލަ 1.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މި ދާއިރާއިން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ކޮވިޑް19 ރިކަވަރީ ލޯނު ސްމީކަށެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްއަށް 121.2 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދިނުމަށް 47.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ސިނާއަތް ހުއްޓުމުން ދައުލަތަށް ލިބޭ އާމްދަނީއަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފަ އެވެ. މިއާއެކު ހަރަދުތައް ފޫބެއްދުމަށާއި ބަޖެޓް ސަޕޯޓަށް ސަރުކާރުން ވަނީ ބޭރު ގައުމުތަކުން ލޯނު ނަގާފަ އެވެ.