06 Jul 2010, 05:34
10:00
އެސްޓީއޯއިން ވިއްކަމުންގެންދާ ކާޑުގެ ބާވަތްތަކުގެ އަގު މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ބޮޑުވާންޖެހޭ ސަބަބެތް ނެތް ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީން މިހެން ބުނެފައިވަނީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި، އެސްޓީއޯ އިން ވިއްކާ ހަނޑޫ ހަކުރު ފުށުގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށް ބުނެފައިވާތީ އެކަމުގެ ހަޤީގަތް ރައްޔިތުންނަށް ބަޔާންކޮށްދިނުމަށް އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ސަބްސިޑީ ދިނުމަށް ހުރަސް އެޅޭ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބުނާ ވާހަކައަކީ، ކަމުގެ ޙަޤީގަތް ރައްޔިތުންނަށް އޮޅުވާލުމަށާއި، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރަމުން އަންނަ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ ހިތުގައި އޮތް އިތުބާރާއި، ޔަޤީންކަން ނައްތާލައި، ނަފުރަތުގެ ހުޅުރޯކޮށް، ޤައުމުގެ މަސްލަހަތާއި އިސްތިޤްލާލު ނަގާލައިގެންވެސް އަމިއްލަ ސީޔާސީ މަޤުސަދުތަކެއް ޙާސިލް ކުރުމަށް ހިންގާ ޙީލަތްތެރި އަމަލެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އެ ކަންތައްތަކަކީ ހަގީޤަތުގައި ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުން އެދޭގޮތަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ނެތް ހިނދު، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނާއި އަދި މިނޫންވެސް މުއައްސަސާތައް މެދުވެރިކޮށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އެއްވެސް އަސްލެތްނެތި ހިންގަމުންގެންދާ ވަރަށް ދަށުދަރަޖައިގެ ޕްރޮޕެގެންޑާ ހަރަކާތެއްކަމަށްވެސް އެ ބަޔާނުގައިވެ އެވެ.