05 Nov 2020, 09:05
ވޮޝިންޓަން (ނޮވެމްބަރު 5): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން މިހާރު މުޅިން ކަށަވަރު ކުރެވިއްޖެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވޭވަރަށް އިލެކްޓޯރަލް ވޯޓު ލިބޭނެކަމުގެ ޔަގީންކަންވެސް ލިބިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާދަވެރިޔާ އަދި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ބަލިވުމަކީ އެމެރިކާގެ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް
ބައިޑަންގެ ސަޕޯޓަރުންގެ އެއްވުމެއްގައި ވަރަށް އުފަލާއެކު ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އޭނާގެ ކާމިޔާބީއަކީ އެމެރިކާގެ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޑިމޮކްރަސީ ހަލާކުކޮށް ދުނިޔޭގައި އެމެރިކާގެ ހައިބަތާއި ގަދަރު ވައްޓާލައި ގިނަ ކަންކަމުގައި އެމެރިކާގެ ހާލަތު ތަރައްގީނުވާ ގައުމުތަކުގެ ފެންވަރަށް ވައްޓާލީ ޓްރަމްޕް ކަމަށެވެ. މި ވޯޓަކީ އެކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ނިންމި ނިންމުމެއް ކަމުގައި ބައިޑަން ސިފަކުރެއްވި އެވެ.
ބައިޑަންއަށް 264 އިލެކްޓޯރަލް ވޯޓު، ޓްރަމްޕަށް 214 އިލެކްޓޯރަލް ވޯޓު
އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު ބައިޑަން އަށް 264 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް އަދި ލިބިފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ 270 އިލެކްޓޯރަލް ވޯޓެވެ. މިއަދަދު ހަމަކުރުމަށް ބައިޑަން ބޭނުންވަނީ އެންމެ ހަ ވޯޓުކަމަށްވާއިރު ޓްރަމްޕަށް 56 ވޯޓު ބޭނުންވެ އެވެ.
ރައްޔިތުންގެ ވޯޓުންވެސް ބޮޑުތަނުން ކުރީގައި ބައިޑަން
އަނެއްކޮޅުން ރައްޔިތުންގެ ޖުމްލަ ވޯޓަށް ބަލާއިރުވެސް ގާތްގަނޑަކަށް ދެ ޕަސެންޓުގެ ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ބައިޑަން އަށް 70 މިލިޔަނަށްވުރެ ގިނަ ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 68 އަށް މިލިޔަނަށްވުރެ ގިނަ ވޯޓެވެ. ބައިޑެންއަށް ލިބިފައިވާ ވޯޓު ރައްޔިތުންގެ ޖުމްލަ ވޯޓުގެ 50.2 ޕަސެންޓަށް ވުރެވެސް ތަންކޮޅެއް މައްޗެވެ. ޓްރަމްޕަށް ލިބިފައިވަނީ ރައްޔިތުންގެ ޖުމްލަ ވޯޓުގެ 48.2 ޕަސެންޓެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ތާރީހުގައި ވެސް ރިޔާސީ ކެންޑިޑޭޓަކު އެންމެ ގިނައިން ރައްޔިތުންގެ ވޯޓު ހޯއްދެވި ފަހަރުކަން މުރާސިލުން ވަނީ ފާހަގަކޮށްފަ އެވެ.
އިލެކްޓޯރަލް ވޯޓު ބައިޑަން އަށް ގިނަވީ ވޭތުވެދިޔަ ރިޔާސީ އިންތިހާބުތަކުގައި މިދިޔަ ފަސް އަހަރުވެސް ރިޕަބްލިކަން ޕާޓީން ކާމިޔާބުކުރަމުން ގެންދިޔަ އެޕާޓީއަށް އަގުލަބިއްޔަތު ލިބޭ ސްޓޭޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެރިޒޯނާ މިފަހަރު ގެ އިންތިހާބުގައި ބައިޑަން ކާމިޔާބު ކުރެއްވުމުންނެވެ. އަދި ސްވިންގް ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގެ ވޯޓުވެސް ބައިޑަން ކާމިޔާބު ކުރެއްވުމުންނެވެ. މިހާރު ފެންނަ ފެނުމަށް ބަލާއިރު ވާދަވެރިކަން އެންމެ ބޮޑު ޕެންސިލްވީނިއާ ކާމިޔާބު ނުކުރެވުނު ނަމަވެސް އިތުރު އެހެން ސްޓޭޓެއް ކާމިޔާބު ކުރެއްވިއްޖެނަމަ ބައިޑަންއަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް މަދުވާ 6 ވޯޓު ލިބޭނެ އެވެ. މިކަން ބައިޑަންގެ ކޭންޕޭނުން ޔަގީންކޮށް ދެއެވެ.
ޓްރަމްޕް ވިދާޅުވަނީ ރިޔާސީ އިންތިހާބު ވަގަށްނެގީ ކަމަށް
އަނެއްކޮޅުން ޓްރަމްޕްވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ވަގަށްނެގި ކަމަށް ސިފަކުރައްވައި ވޯޓު އޮޅުވާލިކަމަށް ތުހުމަތު ކުރައްވާފަ އެވެ. ވޯޓު ގުނުން ހުއްޓުވުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމާ ގުޅިގެން އޭނާގެ ކޭމްޕޭނުންވަނީ ސްވިންގް ސްޓޭޓެއް ކަމަށްވާ މިޝިގަންގެ ވޯޓު ގުނުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދިފަ އެވެ. މީގެއިތުރުން ސްވިންގް އެހެން ދެ ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށާއި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމުގެ އަމުރަކަށް އެދުމަށްވެސް ޓްރަމްޕުގެ ކޭމްޕުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިހާރު ގުނާ ވޯޓުތަކުން ޓްރަމްޕަށް އިތުރު ކުރިއެރުމެއް ލިބުން ދުރު
އެންމެ ފުރަތަމަ ގުނީ އިންތިހާބުގެ ދުވަހުގައި ލީ ވޯޓުތަށް ކަމަށް ވެފައި އެދުވަހު ގިނައިން ވޯޓުލާފައިވަނީ ޓްރަމްޕްގެ ސަޕޯޓާރުންކަމުން އެ ވޯޓުތަށް ގުނިއިރު ކުރީގައި އުޅުއްވީ ޓްރަމްޕެވެ. ނަމަވެސް އާލީ ވޯޓިންގެ ގޮތުގައި މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ވޯޓު ލާފައިވާ މީހުންގެ ވޯޓުތަށް ގުނަންފެށުމުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އާލީ ވޯޓިންގައި 101.1 މިލިއަން މީހުން ވޯޓުލާފައިވާއިރު އޭގެތެރެއިން 65.2 މިލިއަން މީހުން ވޯޓުލާފައި ވަނީ ޕޯސްޓު މެދުވެރިކޮށެވެ. ޕޯސްޓު މެދުވެރިކޮށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ބައިޑަންއަށް ތާއީދުކުރާ މީހުންނެވެ. މިހާރު ގުނާ ވޯޓުތަކުގެ ތެރޭގައި ގިނައީ ޕޯސްޓް މެދުވެރިކޮށް ލާފައިވާ ވޯޓުތަށް ކަމުން މިވޯޓުތަކުން ޓްރަމްޕަށް އިތުރު ކުރިއެރުމެއް ނުލިބޭނެކަމަށް ވަނީ ބެލެވިފަ އެވެ. (އެމެރިކާގެ މީޑިއާ)