05 Nov 2020, 08:17
ވޮޝިންޓަން (ނޮވެމްބަރު 5): އެމެރިކާގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ވޯޓު ކާމިޔާބު ކުރެއްވި ރިޔާސީ ކެންޑިޑޭޓަކަށް ޖޯ ބައިޑެންވެ ވަޑައިގެންފި އެވެ.
މީގެ ކުރިން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓު ކާމިޔާބު ކުރެއްވީ 2008 ވަނަ އަހަރު ބަރަކް އޮބާމާ އެވެ. އެއީ 69.4 މިލިއަން ވޯޓެވެ. ނަމަވެސް އޮބާމާގެ ނައިބު ރައީސްކަން ކުރެއްވި ބައިޑެން ވަނީ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ރެކޯޑު ހޯއްދަވާފަ އެވެ. އެގޮތުން މިހާތަނަށް އޭނާއަށް 70 މިލިއަނަށް ވުރެ ގިނަ ވޯޓު ވަނީ ލިބިފަ އެވެ.
ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި މިފަހަރު އެމެރިކާއިން ބޭއްވި ރިޔާސީ އިންތިހާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓު ލާފައިވާ ކަމަށް ވެސް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ. އަދި ރަސްމީކޮށް އިންތިހާބު ބޭއްވި ދުވަހުގެ ކުރިން 102 މިލިއަން މީހުން ވޯޓު ލާފައިވެ އެވެ.
އެމެރިކާގެ އިންތިހާބީ ނިޒާމު އޮންނަ ގޮތުން އެންމެ ގިނަ އަދަދަކަށް ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސްކަން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން 2016 ވަނަ އަހަރު ޑިމޮކްރެޓިކް ކެންޑިޑޭޓު ހިލަރީ ކްލިންޓަންއަށް، ރިޕަބްލިކަން ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ގާތްގަނޑަކަށް ތިން މިލިއަން ވޯޓު ލިބުނު ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ. ސަބަބަކީ ރައީސާއި ނައިބު ރައީސް ހޮވާ އިލެކްޓަރުންގެ އަދަދު ޓްރަމްޕަށް ލިބުނު މިންވަރު އިތުރުވުމެވެ.
މިފަހަރުގެ އިންތިހާބުން މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުގައި އެންމެ ގިނަ ވޯޓާއި އިލެކްޓަރުންވެސް ލިބެނީ ބައިޑެންއަށެވެ.