04 Nov 2020, 23:30
ރާއްޖޭގެ ޖަލުތަކުގައި އޮންނަ ޖާގައަށް ވުރެ ގައިދީން އިތުރުވަނީ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭތީކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އެފަދައިން ވިދާޅުވީ އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ 36 ވަަނަ ބައްދަލުވުމުގައި ބައިވެރިވެލައްވައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލުތަކުގައި ތިބި ކުށްވެރިން ރިހިބިލިއޭޓް ކުރުމާއި، އެއީ މުޖުތަމައުއަށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭކަން ރާއްޖެއިން ގަބޫލުކުރާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިންގުން ހަރުދަނާ ކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއްކަން އިމްރަން ފާހަގަކުރެއްވި އެވެ.
އެގޮތުން އދ.ގެ ސްޓޭންޑާޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމަންޓް އޮފް ފްރިޒަންސް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ފްރޮޖެކްޓެއް ރާއްޖެއިން ކޮށްފައިވާކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު ޖަލުތަކުގައި މީހުން ބަންދުކޮށްގެން ބައިތިއްބާ ތަންތަނުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސް ސެޓިފައިޑް އޮފިސަރުންނަށް ވެގެން ދިއުންކަމަށް އިމްރާން ވިދާޅުވި އެވެ.
"ޖަލުތައް ފުރި ޖާގައަށްވުރެ ގައިދީން އިތުރުވުމަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. މި މައްސަލަ ދިމާވުމުގެ އަސްލަކީ އެކަށީގެންވާ މިންވަރަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވުން. ސަރުކާރުގެ އަމާޒަކީ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން މުޖުތަމައުގައި އިޖުތިމާއި ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ފެހިކޮށްދީގެން ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ ތެރެއިން ކޮށްވެރިން ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުން." އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މުރާޖައާކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮނިގަނޑުގައި ރިހިބިލިޓޭޝަން އަދި ރީ އިންޓެގްރޭޝަން ކޮމާންޑެއް ގާއިމްކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖޭގައި އެޅޭ އެންމެ ބޮޑު ޖަލާއެެކު ހުރިހާ ކަމެއް ހިމެނޭ ރިހިބިލިޓޭޝަން ސެންޓަރެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަަމަށް ވިދާޅުވި އެވެ.
"މި ޕްރޮގްރާމްގެ ފުރިހަމަކަމާއެކު ޖަލުތަކުގެ އާބާދީގެ ބޮޑުބައެއް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއަށް ވަދެގެން ދާނެ." އިމްރާން ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ޖަލުގެ އޮޑިޓެއް ހަދައި އެ އޮޑިޓުން ފާހަގަކުރެވިފައިވާ ކަންކަން އިސްލާހުކުރުމަށްޓަކައި ކޮމެޓީއެއް ގާއިމްކޮށް އެކަމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަަމަށް އިމްރާން ވިދާޅުވި އެވެ.
މުއައްސަސާތައް ހިންގުން ހަރުދަނާ ކުރުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލްކަން އިތުރުކުރުމަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މައިގަނޑު އަސާސްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތުގެ ސްޓްރެޓިޖް ޕްލޭން އެކުލަވާލައިފައިވަނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ހިފޭ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއެކު ހުރިހާ ފަރާތްތަކެއް ގުޅިގެން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމުގެ މަގްސަދުގެ މައްޗަށް ބިނާކޮށް. މިގޮތުން ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ ފުލުހުންގެ ހިދުމަތުގެ މުޅިން އާ ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް. އެކަމުގެ މަޝްވަރާތައް މަޖިލިސް ކުރާ ގޭގައި މިހާރުވެސް ހިނގަމުންދޭ." އިމްރާން ވިދާޅުވި އެވެ.
އެ ބިލުގެ ސަބަބުން ފުލުހުންގެ ހިދުމަތް ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމާއެކު މައިގަނޑު އަމާޒަކަށް ވާނީ މުވައްސަސާގެ ހިންގުން ހަރުދަނާ ކުރުމާއި ޖަވާބު ދާރީކުރުވުންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރާ މުވައްސަސާއެއްގެ އިތުރުން ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ހިންގުމުގެ ކަންކަން ހަރުދަނާކުރުންވެސް ބިލުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން ބިލުގައި ހުށަހަޅާފައިވާ ހިންގުމުގެ އައި އޮނިގަނޑުގެ ސަބަބުން މުޖުތަމައުގެ ބައިވެރިވުން އިތުރުކުރެވި ފުލުހުންގެ ހިދުމަތުން ސިޔާސީ ނުފޫޒް ނެތިގެން ދާނެ. އަލަށް ތައާރަފްކުރެވިފައިވާ އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ރައްޔިތުންގެ ގާތުން ހިމަނައިގެން ފެށި މި ޕްރޮގްރާމްގެ މުހިންމު ބައެއް." އިމްރާން ވިދާޅުވި އެވެ.
މިންތީގެ ހަމަހަމަކަށް ފުލުހުންގެ ތެރޭގައި ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ އަންހެން އޮފިސަރުންނަށް ކުރިއަށް ދިއުމުގައި އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގްސަދުގައި މޯލްޑިވްސް ވިމެން އިން ޕޮލިސިން ނެޓްވޯކް މޯލްޑިވްސް ޕޮލިސް ސާވިސްގައި ގާއިމްކުރެވިފައިވާކަން ވެސް އިމްރާން ފާހަގަކުރެއްވި އެވެ.