20 Jan 2012, 20:30
ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމާ ގުޅިގެން 241 ކޮމެޓީގެއް ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަފުޅުތައް ކުއްވެރިކުރާ ކަމަށެވެ.
ގާނޫނު އަސާސީން ރައްޔިތުން މަޖިލީހަށް ލިބިފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާގޮތް ބެލުމާއި އެ ބާރު ޖަވާބު ދާރީ ކުރުވުމުގެ ޒިންމާ އެ މަޖިލީހަށް ލިބިގެންވާއިރު، އެ ޒިންމާއާއި ބާރުގެ ތެރެއިން މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމާއި ގުޅިގެން ގައުމީ ސަލާމަތު ކޮމެޓީގެ ދެ ބައްބަދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
"ރާއްޖޭއަށް މިވަގުތު ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ވެސް ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ ދެ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ސަމާލަތީ ހިދުމަތްތަކާބެހޭ ކޮމެޓީން މާދަމާ ވެސް ބައްދަލުވުމެއް ބާއްމުމަށް މިހާރު ވަނީ ނިންމާފަ އެވެ،" މަޖިލީހުން ނެރުނު ދެ ސަފްހާގެ ބަޔާނުގައިވެ އެވެ.
ސިޔާސީ ހަލަބޮލިކަމުގެ ހުތޫރައްތެރި ދަނޑިވަޅުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގައިވައިދުގެ އިމުގެ ތެރޭއިން ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީހުން މަސައްކަތް ކުރަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަސްކަރިންޔާއިން ކ. ގިރިފުއްޓަށް ގެންދިއުމާ ގުޅިގެން މާލޭގައި ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކައް ހައްލެއް ހޯދުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިނދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެންބަރުނެވެ. ނަމަވެސް ގައުމީ ސަލާމަތުގެ ކޮމެޓީގެ ދެ ބައްދަލުވުން ވެސް ނިންމާލީ ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ނޮހޯދި އެވެ.
ގާނޫނު އަސާސީގެ ބަޔާންކޮށްފައިވާ ހަމައެކަނި ކޮމެޓީ ކަމުގައިވާ ސަމާލަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (ގާނޫނު އަސާސީގެ 241 މާއްދާގައި ބަޔާން ކުރާ ކޮމެޓީ) ބައްދަލުވުމެއް މާއްދާމާ ބާއްވަން ނިންމާފައިވާއިރު، އެ ކޮމެޓީއަށް ސަމާލަތީ ބާރުތަކުގެ ވެރިން ހާޒިރު ކުރާނެ ކަމަށް އިދިކޮޅު މެންބަރުން ބުނެފައިވެ އެވެ.