މި ސަރުކާރުގައި ކުރިން ބަންޑާރަނައިބުކަން ކުރައްވާފައިވާ ދެ ބޭފުޅަކަށް އެމްޑީގެ ލީޑާޝިޕުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ އޮތް ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ދިޔާނާ ސައީދުގެ ވަނީ "ބްރެކި ކެނޑިފައި" ކަމަށާއި އަދި އިއްޔެ އިސްތިއުފާ ދެއްވި ކުރީގެ ސާކްގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު ކުއްލި އަކަށް "ބްރެކި ކެނޑިކެނޑިގެން" ރާއްޖެ ވަޑައިގަތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން އޭނާއަށް ޓަކައި ކަމަށެވެ.

"ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ކުރިން ބަންޑާރަ ނައިބުކަން ކޮށްފައިވާ ދިޔާނާ އާއި އަދި ކުރިން ބަންޑާރަ ނައިބުކަން ކޮށްފައިވާ ގާނޫނީ ވަކީލުން އަބްދުﷲ ގާޒީގެ ހައްގުގައި ވާހަކަ ދައްކަނީ މީގެ ކުރިން ފަނޑިޔާރުނަށް ބިރު ދައްކައިގެން ހުކުމް ކޮށްފައި ވާތީ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކުގައި ރައްޔިތުން މަޖިލިހުގެ ހާއްސަ މަޖިލީހުގަ އާއި ސަރުކާރުގައާ އެމްޑީޕީގައި ސާކް ސަމިޓުގައި އުޅެފައި ތިބި މީހުނެއް ނޫންތޯ ތީ. ތިޔަ މީހުން ތިޔަ އަންނަނީ ކީއްވެގެން އަޅުގަނޑުމެނަށް އެބަ އިނގޭނޫންތޯ،" މޫސަ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ އަށް މައްސަލަތައް ނުބެލޭ ގޮތް ވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ކުރިން ބަންޑާރަ ނައިބުކަން ކޮށްފައިވާ ފަރާތްތަކަށް ޝަރީއަތުން ސުވާލުކުރާނެ ކަން އެ ފަރާތްތަކަށް ސުވާލު އުފައްދާނެކަން ޔަގީންވާ ކަމަށް މޫސާ ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީއަކީ ވޭތުވެ ދިޔަ 30 އަހަރުގެ ވެރިކަން ބަދަލުކުރި ޕާޓީ ކަމަށާއި ކޯޓުތަކުގައި އަދުލު އިންސާފް ގާއިމު ނުކުރެވޭ ނަމަ ހުރިހާ ފަނޑިޔާރުން ވަކިކޮށް ރާއްޖެ އިން ބޭރުން ފަނޑިޔާރުން ގެނެސްގެން ވެސް ކޯޓުތައް ހިންގާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ފަނޑިޔާރުން ތިޔަ ބޭފުޅުން ގަބޫލ ކޮށްދެއްވާ ޔަގީން ކޮށްދެއްވާ... އަދުލް އިންސާފް މި ގައުމުގައި ގާއުމުކޮށްދޭނެ ކަމަށް. އާދޭސްކޮށްފައި މި ދަންނަވަނީ އަބްދުﷲ ގާޒީ އަށް ޓަކައި މުޅި މުއައްސަސާ ފުނޑު ފުނޑު ކޮށް ނުލައްވާ. ތިޔަ ގޮތަށް މުޅި ރާއްޖޭއާ މުޅި ސަރުކާރާއި މުޅި ރައްޔިތުން މިސްރުގެ ދަންނަ ބޭކަލަކަށްޓަކައި ތިބި 30 އަހަރުގެ އަޅުގަނޑުމެން އޭތި ދުއްވާލީން. މީ އެ އެމްޑީޕީ. އަޅުގަނޑުމެނާއި ދޭތެރޭގައި ބައްލަވާތި. މުޅި ހުރިހާ ފަނޑިޔާރުން ވަކި ކޮށްފައި ބޭރުން ފަނޑިޔާރުން ، ސޫދާނުން ގެނެސްގެން ނަމަވެސް އަޅުގަނޑުމެން ހިންގާނަން އެ ދާއިރާ. މީ ޔަގީން ކަމެއް،" އޭނާ ވިދާޅުވި އެވެ.