04 Nov 2020, 18:32
"ހިޔާ" މަޝްރޫއުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ H6 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
އެ ކޮމިޓީން މިއަދު ވަނީ H6 ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެ ލިސްޓުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ.
އަދި ޝަރުތު ހަމަވާ މީހުންނާއި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ނުގެންދެވުނު ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 261 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.
އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.
ފްލެޓް ކޮމެޓީން ބުނީ "ހިޔާ" މަޝްރޫއުގެ ކެޓަގަރީތައް، އެ ކޮމިޓީން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.
އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް މަންމަ އަދި ބައްޕަ، ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް އެފަރާތަކަށް ކަމުގައި ވެސް ބުނެފައިވެއެވެ.
"ހިޔާ" މަޝްރޫއުގެ H6 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން 16 ނޮވެންބަރުގެ 15:00 ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ލިސްޓަށް ޝަކުވާ ހުށަހަޅާނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ.
ކޮމެޓީން ބުނީ "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.
އަދި "ހިޔާ" މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.