04 Nov 2020, 17:23
ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި، އެ އިސްލާހުން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރެވެ. އެ މައްސަލައިގައި މީގެ ކުރިން ވަނީ ދެ އަޑުއެހުމެއް ބާއްވައިފަ އެވެ.
އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް ކުރި ކަމެއް ކަމަށް މޫސާ އަންވަރު ވިދާޅުވިޔަސް، އެ މާއްދާގެ (ށ)ގެ ދަށުން އެކަން ކުރެވޭނެ ކަމަށް ދައުލަތުން ބުނާ ބުނުން މިއަދުގެ އަޑުއެހުމުގައިވެސް ދައުލަތުން ތަކުރާރު ކުރި އެވެ.
ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ދިނުމުގައި އެ މީހާގެ ނަސްލަށް، ކުލަޔަށް އަދި ޖިންސު ފަދަ ކަންކަމަށް ބަލައި ތަފާތު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މުޖުތަމައުގައި އާންމު ހާލަތަށްވުރެ ނިކަމެތިކަން ލިބިފައިވާ ބަޔަކަށް، ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބަޔަކަށް އެހީވުމަށް، ކުރާ ކަންތައްތަކަކީ އެ މާއްދާގެ (ހ)ގައި ބުނާ ފަދަ ތަފާތުކުރުމެއް ނޫން ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި، އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެކެވެ. އަދި އެއީ ހުރިހާ ޑިމޮކްރެޓިކް މުޖުތަމައެއްގައިވެސް ގަބޫލު ކުރާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަން ބައިނަލްއަގުވާމީ މުއާހަދާތަކަށް ބެލުމުންވެސް އެނގޭ ކަމަށް ބުންޏެވެ. އެހެންކަމުން، އަންހެނުނަށް ހާއްސަ ރައްކާތެރިކަމެއް ހޯދަން ގޮނޑި ހާއްސަ ކުރުން ފަދަ ފިޔަވަޅެއް އެޅިދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުން ބުންޏެވެ.
ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން ހާއްސަ ފިޔަވަޅެއް އަޅާއިރު އެއް ގިންތިއެއްގައި ތިބި ބަޔަކަށް ތަފާތު ކުރެވޭ ގޮތަށް ކަމެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ. އަދި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން މަދުން ވޯޓު ލިބޭ މީހުންވެސް އިންތިހާބުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތަށް ފަނޑިޔާރުންގެ ބައެއް ސުވާލުތައް އަމާޒު ކުރި އެވެ. އެގޮތުން ގޮނޑި ހާއްސަ ކުރުމުގައި އެހެން ގައުމުތަކެއްގެ މިސާލު ދައުލަތުން ނެގުމުން، އެގައުމުތަކުން ގޮނޑި ހާއްސަ ކުރީ އެ ގައުމުތަކުގެ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންތޯ ނޫނީ ގާނޫނަކުންތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
އެކަމުގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ ބަންގްލަދޭޝް އާއި ނޭޕާލްގައި އެކަން ކުރީ ގާނޫނަކުން ކަމަށެވެ. ނަމަވެސް އެކަމާ މޫސާ އަންވަރު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮނޑި ހާއްސަ ކުރެވޭނެ ގޮތް ބަންގްލަދޭޝް އާއި ނޭޕާލްގެ ގާނޫނުއަސާސީގައި އޮވެ އެވެ.
މީގެ ކުރިން އަޑުއެހުންތަކުގައި މޫސާ އަންވަރު ވިދާޅުވެފައި ވަނީ، އެހެން ބައެއް ގައުމުތަކުގައި ގޮނޑި ހާއްސަ ކުރަނީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭ ގޮތަށް އެ ގައުމުތަކުގެ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. ނަމަވެސް، އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ރާއްޖޭގެ ގާނޫނުއަސާސީ ތަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ރާއްޖޭގައި ކުރާ ނަމަ ފުރަތަމަ ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެ ބަހުސް ނުނިމުނަސް، ދެ ފަރާތަށްވެސް އެންމެ ފަހު ބަސް ބުނަން 10 މިނެޓު ދިނުމަށް ފަހު މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ބުންޏެވެ.
މި މައްސަލައަކީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައެކެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ.