04 Nov 2020, 15:02
ކޮވިޑް-19 އާއެކު ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ކޯޓުގެ އިހްތިސާސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫން ކަމުގައި ހުކުމްކޮށްފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. ވަކި ގާނޫނަކުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ބުނެ ހަލީމް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސޯސް ލިބިގެންވަނީ ތިން ބާވަތެއްގެ ދުސްތޫރީ މައްސަލަތަކެއްގައި ކަމަށެވެ.
ސުޕްރީމް ކޯޓަށް އަސްލީ އިހްތިސޯސް ލިބިގެންވާ މައްސަލަތަކަކީ:
އެ މައްސަލައަކީ ގައުމު، ދުސްތޫރީ އުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރު ވެދާ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން.
- އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނު އަސާސީ މާނަ ކުރުމާ ގުޅޭގޮތުން އުފެދޭ މައްސަލައަކަށް ވުން.
- އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށް ވުން، މިއެވެ.
މުހައްމަދު ހަލީމް އެ މައްސަލަ ހުށަހަޅާފައިވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ހަލީމްގެ ފަރާތުން އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެ އެވެ.
"މި މައްސަލައަކީ ގާނޫނު ނަމްބަރު 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ތިންވަނަ ނަމްބަރުގައި ބުނެފައިވާ ފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސޯސް ލިބިގެންވާ ގައުމުގެ އާންމު މަސްލަހަތަކާ ގުޅިފައިވާ މައްސަލައެއް ކަން މުހައްމަދު ހަލީމަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ޝަރީއަތަށް ސާބިތުކޮށްދީފައެއް ނުވެއެވެ.،" ހުކުމްގައިވެ އެވެ.
ހުކުމްގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައަކީ ވަކި ވަކި ފަރުދުންނާ ގުޅުންހުރި އަދި އެ ފަރާތްތަކަށް ފަރުދީގޮތެއްގައި ކޮށްފާނެ އަސަރުތަކެއްގެ ވާހަކަ ކަމުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމި ރިޕޯޓު 21 މެއިގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ރައީސް އާއި ނައިބު ރައީސްގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސްގެ މުސާރައަކީ، 100،000 ރުފިޔާ އެވެ. ހަމަ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ނައިބުގެ މުސާރައަކީ، 75،000 ރުފިޔާ ކަމަށެވެ.