20 Jan 2012, 19:43
ކްލީކް ކޮލެޖާއި އިނގިރޭސިވިލާތުގެ ހެރިއެޓް-ވޮޓް ޔުނިވާސިޓީ އާއި ޕާޓްނާޝިޕް ހަދައި އެ ޔުނިވާސިޓީގެ ތިން ޑީގްރީ ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.
ނަސަންދުރަ ޕެލެސް ހޮޓެލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޑިގްރީ ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. ޑިގްރީ ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތައުލީމާއި ސްކޮޓްލޭންޑާއި ގުޅިފައިވާކަމުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި ސްކޮޓްލޭންޑްގެ އެއް ވަނަ ޔުނިވާސިޓީ އާއި އެކު ކްލީކް ކޮލެޖުން ޕާޓްނާޝިޕް ހެދުމުން އެ ކޮލެޖަށް ލިބޭނެ ކުރިއެރުމަށާއި މަތީ ތައުލީމުގައި ހުރި ފުރުސަތުތަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކްލީކް ކޮލެޖުން ބުނީ ފާއިތުވި ޑިސެމްބަރު 21 އިން ފެށިގެން އެ ކޮލެޖަކީ ހެރިއެޓް- ވޮޓް ޔުނިވާސިޓީގެ އެޕްރޫވްޑް ލާނިން ޕާޓްނާއެއް ކަމަށެވެ. އަދި ކޮލެޖުގައި ޑިގްރީ ހަދާ ކޮންމެ ކުއްޖަކީ ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ދަރިވަރެއް ކަމަށާއި އެއިން ކޮންމެ ދަރިވަރަކަށް ވެސް އިނގިރޭސިވިލާތުގެ އެޑިންބާގް ގައި ހުންނަ ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް އެންޑް ލޭންގުއޭޖްގެ ކެމްޕަސް އިން ކިޔަވާ ދަރިވަރުންނަށް ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.
ހެރިއެޓްވޮޓް ޔުނިވާސިޓީއަކީ 190 އަހަރުވެފައިވާ، ދުނިޔޭގެ 34 ގައުމެއްގައި ޕްރޮގްރާމްތައް ހިންގަމުންދާ 10،500 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ އިނގިރޭސި ވިލާތުގެ ބިޒްނަސް ކޯސްތައް ހިންގާ ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ ޓޮޕްގައި އުޅޭ އެއް ޔުނިވާސިޓީ އެވެ.
ކްލީކް ކޮލެޖުން ހަމަޖެހިފައިވާ ހެރިއެޓްވޮޓް ޔުނިވާސިޓީގެ ތިން ކޯހަކީ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލާ އޮފް އާޓްސް އިން މެނޭޖްމަންޓް އަދި ބެޗްލާ އޮފް އެކައުންޓަންސީ އެންޑް ފައިނޭންސް އެވެ. މީގެ ތެރެއިން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލާ އޮފް އާޓްސް އިން މެނޭޖްމަންޓްގެ ކޯސް މި ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކްލީކް ކޮލެޖުން ބުންޏެވެ. އަދި ބެޗްލާ އޮފް އެކައުންޓަންސީ އެންޑް ފައިނޭންސް ކޯސް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގައި ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.