ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް ހިނގާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ހުންނަވައިގެން ދެންމެ ޓްރަމްޕް ދެއްވި ބަޔާނެއްގައި އޭނާ ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭނާ މިހާރު ކުރި ހޯއްދަވާފައިވާ ސްޓޭޓުތަކުގެ ތެރޭގައި ފްލޮރިޑާ، އޮހަޔޯ، ޓެކްސަސް، ޖޯޖިއާ، ނޯތު ކެރޮލައިނާ، މިޝިގަން ހިމެނޭ ކަަމަށް ވިދާޅުވެފަ އެވެ. އަދި 20 އިލެކްޓަރުން ތިބޭ މުހިއްމު ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގައިވެސް ކުރީގައި އުޅުއްވަނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ބޮޑު ތަފާތަކުން ކުރި ހޯއްދަވަމުން ގެންދަވަނިކޮށް ކުއްލިއަކަށް "ހުރިހާ ކަމެއްވެސް ހުއްޓުމަކަށް އައިތަން" ދެކިވަޑައިގެންނެވި އެވެ. އަދި އޭނާ އިންތިހާބުން ކުރި ހޯއްދަވާތީ ޑިމޮކްރެޓިކް ޕާޓީން ކޯޓަށް ދާން ބޭނުންވާ ކަމަށާއި އެހެންކަމުން ރިޕަބްލިކަން ޕާޓީގެ މިހާރުގެ އަމާޒަކީ އިންތިހާބުގެ ނަޒާހާތްތެރިކަން ދެމެހެއްޓުން ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިންތިހާބުގެ ނަޒާހާތްތެރިކަން ދެމެހެއްޓުން. އަޅުގަނޑުމެން ބޭނުން ވަނީ ގާނޫނުތައް ރަނގަޅަށް ބޭނުން ކުރާނެކަން ޔަގީން ކުރަން. ވީމާ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނަން. އަދި މިހާރު ވޯޓުލުން ހުއްޓުވަން އަޅުގަނޑުމެން ބޭނުން،" ޓްރަމްޕް ވިދާޅުވި އެވެ.

މިހާރު ފޮނުވަމުންދާ ވޯޓުގެ ގޮތުގައި ޓްރަމްޕް ފާހަގަ ކުރައްވާފައިވާ ވޯޓުތަކަކީ މެއިލް މެދުވެރިކޮށް ފޮނުވާ ވޯޓުތަކެވެ. އެމެރިކާގައި މެއިލް މެދުވެރިކޮށް ވޯޓު ލުމާ ބެހޭ ގޮތުން އެކި ސަރަހައްދުގައި އޮންނަނީ އެކި ގަވާއިދުތަކެވެ. އެގޮތުން ބައެއް ސްޓޭޓުތަކުގައި އިންތިހާބު ބާއްވާ ރަސްމީ ދުވަހުގެ ކުރިން މެއިލް ވޯޓުތައް ގަބޫލު ކުރުން ހުއްޓާލި ނަމަވެސް ބައެއް ސްޓޭޓުތަކުގައި އިއްޔެ މެއިލް ކުރި ވޯޓުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ލިބުނު ނަމަވެސް ގުނާނެ އެވެ. އަދި ޓްރަމްޕް ބޭނުންފުޅު ވަނީ އެ ވޯޓުތައް ގުނުން ހުއްޓުވުމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާތައް މިހާރު ގުނަމުން ދާ އިރު އޭޕީ އިން ލަފާ ކުރާ ގޮތުގައި އިލެކްޓޯރަލް ކޮލެޖުގެ 238 ވޯޓު ބައިޑެންއަށް މިހާރު ވަނީ ލިބިފަ އެވެ. އަދި ޓްރަމްޕަށް ލިބިފައި ވަނީ 213 އިލެކްޓަރުންނެވެ. އެ އިންތިހާބު ކާމިޔާބު ކުރާނީ 270 އިލެކްޓަރުން ހޯދާ ކެންޑިޑޭޓެކެވެ.

މީގެ ކުރިން ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ދެއްވި ބަޔާނެއްގައިވާ އޭނާ ވިދާޅުވީ އެ ޕާޓީ އޮތީ ކާމިޔާބީގެ މަގުމަތީގައި ކަމަށެވެ. އަދި ކޮންމެ ވޯޓެއްގެ ނަތީޖާވެސް މުހިއްމު ކަމަށެވެ.