04 Nov 2020, 16:11
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކޯޗް ކޮށްދޭން އުނދަގޫ ކަމަށް ބުނެ ކުރީގެ ކޯޗް ކީކޭ ސެޓިއެން ދެއްކި ވާހަކަތަކަށް މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން ރައްދު ދީފި އެވެ.
ބާސާގެ ކޯޗް ކަމާ ސެޓިއެން ހަވާލުވީ މިދިޔަ ޖަނަވަރީ މަހު އެވެ. އޭނާއާއެކުވެސް ރަނގަޅު ނަތީޖާތަކެއް ނުލިބުމުން އޯގަސްޓް މަހު އޭނާ ވަޒީފާއިން ވަކި ކުރި އެވެ. އޭނާ މަގާމުން ވަކި ކުރީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލްގައި ބަޔާން މިޔުނިކް އަތުން 8-2 އިން ބަލިވުމުންނެވެ.
އެއަށްފަހު ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސެޓިއެން ބުނީ ބާސެލޯނާގައި ކޯޗުކަން ކޮށްދޭން އުނދަގޫ ކުޅުންތެރިންތަކެއް ތިބިކަމަށެވެ. އަދި ކެޕްޓަން މެސީ އަކީ އޭގެން އެކަކު ކަމަށާއި، މެޗަކުން ބަލިވެއްޖެ ނަމަ އޭނާ ހިތްހަމަ ނުޖެހޭކަން ފާޅުކުރާ ކަމަށެވެ.
"މިލިއަނަކަށް ވުރެ ގިނަ މީހުން ތިބޭނެ މެސީ ނުވަތަ އެހެން ކުޅުންތެރިޔަކީ ކުލަބަށް ވުރެ ކޯޗަށް ވުރެ މުހިންމު ކުޅުންތެރިޔާއަށް ވެދާނެ ކަމަށް ގަބޫލު،" ސެޓިއެން ބުންޏެވެ.
ސެޓިއެން ބުނި ގޮތުގައި ބާސެލޯނާއިން މެސީއަށް ދީފައިވާ ބާރުތަކެއްގެ ސަބަބުން އޭނާގެ ކުޅުމަށް ބަދަލުތަކެއް ގެނެސް މިޒާޖު ބަދަލުކުރަން ކޯޗަށް ބަސް ބުނުމުގެ އިހުތިޔާރެއް ނޯވެ އެވެ. އަދި އެކަމުގެ ސަބަބުން ކޯޗުކަން ކޮށްދެން މެސީއަށް އިންތިހާއަށް އުނދަގޫކަމަށް ސެޓިއެން ވަނީ ބުނެފަ އެވެ.
ސެޓިއެންގެ ވާހަކަތަކަށް ރައްދުދީ މިހާރުގެ ކޯޗު ކޫމަން ވަނީ މެސީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ކޫމަން ބުނީ ސެޓިއެންގެ އެ ވާހަކަތައް ގަބޫލު ނުކުރާ ކަމަށާއި، އެހެން ނަމަވެސް ކުލަބަށް އޭނާ ކޮށްދިން މަސައްކަތްތަކަށް އިހުތިރާމް ކުރާ ކަމަށެވެ.
"މެސީއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަރެންނަށް އޭނަގެ ފެންވަރު ވަރަށް ސާފުކޮށް ފެނޭ. އެކަމަކު މެސީ އަކީ ގެންގުޅެން އުނދަގޫ ކުޅުންތެރިޔެކޭ ބުނުމުގެ ޖާގައެއް ނެތް،" ކޫމަން ބުންޏެވެ.
ކޫމަން ބުނީ، ކޮންމެ ކޯޗަކީ ވެސް ތަފާތު ވިސްނުންތަކެއް ގެންގުޅޭ ކޯޗެއް ކަމަށެވެ. އަދި މެސީއާ އެކު މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އެއްވެސް މައްސަލައެއް ނުޖެހި ކަމަށާއި، ޑްރެސިންގް ރޫމުގައްޔާއި، ދަނޑު މަތީގައި ވެސް ކޫމަންގެ އިރުޝާދުތަކަށް މެސީ އަމަލުކުރަމުންދާ ކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.