04 Nov 2020, 11:49
ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގެ ރިޔާސީ އިންތިހާބާއެކު އެގައުމުގެ ކޮންގްރެސްގެ ބައެއް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަގުލަބިއްޔަތު ހޯދާނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އެމެރިކާގެ ކޮންގްރެސްގެ ތިރީގޭގެ 435 މެމްބަރުން ހޮވުމަށް 2018 ވަނަ އަހަރު ބޭއްވި އިންތިހާބުން ޑިމޮކްރެޓިކް ޕާޓީ އަގުލަބިއްޔަތު ހޯދީ 235 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އަދި އިއްޔެގެ އިންތިހާބަށް ފަހު އެންބީސީ ނޫހާއި ފޮކްސް ނިއުސްއިން ލަފާ ކުރާ ގޮތުގައި އެ ގޮނޑިތަކުގެ އިތުރަށް މި ފަހަރު ޑިމޮކްރެޓިކް ޕާޓީން ހަތަރެއް ނުވަތަ ފަސް ގޮނޑި ހޯދާނެ އެވެ.
އެ ލަފާ ކުރުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހައުސްގެ ތަރުޖަމާނު ނޭންސީ ޕެލޯސީ ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީއަށް އަގުލަބިއްޔަތު ދިފާއު ކުރެއްވުމުން ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހައުސް ލިބިފައިވާކަން މިރޭ މިހާވަރަށް އަވަހަށް ބުނެވެން އޮތުމުން އަޅުގަނޑު ވަރަށް، ވަރަށް ފަހުރުވެރިވޭ،" ޕެލޯސީ ވިދާޅުވި އެވެ.
ހައުސްގެ އިތުރު ދައުރެއް މި ފަހަރު ކާމިޔާބު ކުރި މެމްބަރުންގެ ތެރޭގައި ޑިމޮކްރެޓިކް "ސްކޮއަޑް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ހަތަރު އަންހެން މެމްބަރުން ހިމެނެ އެވެ. އެއީ ނިއު ޔޯކްގެ އެލެގްޒެންޑްރިއާ އޮކާސިއޯ ކޯޓޭޒް (އޭއޯސީ)އާއި މިނިސޯޓާގެ އިލްހާން އޮމަރު އާއި މިޝިގަންގެ ރަޝީދާ ތަލީބު އާއި މެސެޗޫސެޓްސްގެ އަޔާނާ ޕްރެސްލީ އެވެ.
ހައުސްގެ އިތުރުން ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަކަށް ވެސް މި އިންތިހާބުގައި މެމްބަރުން ހޮވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޕަބްލިކަން މެމްބަރުން މިހާރު ތިއްބަވާ 23 ގޮނޑި އާއި ޑިމޮކްރެޓިކް މެމްބަރުން ތިއްބަވާ 12 ގޮނޑި އެވެ. އެސޯސިއޭޓެޑް ޕްރެސް އިން މިހާރު ވަނީ 26 ގޮނޑިއެއްގެ ނަތީޖާ ލަފާކޮށް، އޭގެ ތެރެއިން ރިޕަބްލިކަން ޕާޓީއަށް 16 އަދި ޑިމޮކްރެޓިކް ޕާޓީއަށް 10 ގޮނޑި ލިބޭނެ ކަމަށް ރިޕޯޓުކޮށްފަ އެވެ.
ސެނެޓުގައި މިހާރު ތިއްބަވަނީ 53 ރިޕަބްލިކަން މެމްބަރުންނާއި 47 ޑިމޮކްރެޓިކް މެމްބަރުންނެވެ.