20 Jan 2012, 19:07
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދަށް ގްރޫޕަކުން ގޯނާ ކުރި މައްސަލަ އުއްތަމަ ފަނޑިޔާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަބްދުﷲ ސައީދާއި މަގުމަތިން ބަޔަކު ދިމާކޮށް އޭނާގެ ހުރުމަތްތެރިކަން ނަގައިގަނެވޭ ފަދަ ގޮތަކަށް ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ފަނޑިޔާރުންނަކީ ރައްޔިތުންނަށްޓަކައި އަދުލުއިންސާފް ގާއިމްކުރުމުގެ މުހިންމު ޒިންމާ ކޮނޑުގައި އަޅައިގެން ތިބޭ ބަޔަކަށްވާ އިރު ފަނޑިޔާރުންނާ މެދު މިފަދަ އަމަލެއް ހިންގުމަކީ ރައްޔިތުންނަށް ލިބޭނެ ނިކަމެތި ކަމެއްކަމަށެވެ.
"ފަނޑިޔާރުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔެކެވެ. ރައްޔިތުންނަށް ޓަކައި އަދުލު އިންސާފް ގާއިމްކުރުމުގެ މުހިންމު ޒިންމާ ކޮނޑުގައި އަޅުވައިގެން ތިބޭ ބައެކެވެ. ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަށް ޓަކައި ފާރަވެރިވެ ތިބޭ ބަޔެކެވެ. އެހެންކަމާ އެކު ފަނޑިޔާރުންނާ މެދު މިފަދަ އަމަލެއް ހިންގުމަކީ މުޅިގައުމަށް ލިބޭ ނިކަމެތި ކަމެކެވެ. ހުރިހާ ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމެކެވެ. ޚުދު އެފަދަ އަމަލުތައް ހިންގާ މަދުބަޔަކަށް ވެސް ހަގީގަތުގައި ލިބޭ ނިކަމެތިކަމެކެވެ،" އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
ދައުލަތެއްގައި އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް ރަނގަޅަށް ކުރެވޭނީ، ރައްކާތެރިކަމާއި މިނިވަން ގޮތެއްގައި ކޯޓުތަކާއި ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ މަގު ފަހިވެފައި އޮވެގެން ކަމަށާއި އެ އުސޫލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާ އުސޫލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރުންނަށް ގާނޫނު އަސާސީ އާއި ގާނުނުތަކުން ލިބިދޭ ރައްކާތެރިކަމަށާއި ފަނޑިޔާރުންގެ ގަދަރާއި ހުރުމަތަށް އުނިކަން ލިބޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މީގެއިތުރުން ގާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ގޮވައިލައްވާފަ އެވެ.