ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ދެބޭފުޅުން ކަމަށްވާ ޖޯ ބައިޑަން އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވާދަވެރިކަން ބޮޑުކަމުން އެންމެ ފަހު ވޯޓާ ހަމައަށް ނުދަނީސް އިންތިހާބު ކާމިޔާބުކުރާނެ ބޭފުޅަކު ލަފާކުރުންވަނީ އުނދަނގޫ ކަމަކަށް ވެފައި ކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.

އެބޭފުޅުން ވިދާޅުވާގޮތުގައި އިލެކްޓޯރަލް ވޯޓުގައި ޓްރަމްޕް ފަހަތުގައި އުޅުއްވާއިރު އެވޯޓުގައި ބައިޑަން ކުރީގައި އުޅުއްވުމާއި ގިނަ ސްޓޭޓްތަކުގެ އާންމުންގެ ވޯޓުން ޓްރަމްޕް ކުރީގައި އުޅުއްވާއިރު ބައިޑަން ފަހަތުގައި އުޅުއްވުމަކީ އިންތިހާބު ކާމިޔާބުކުރާނެ ބޭފުޅަކު ދެނެގަތުން އުނދަގޫ އެއްސަބަބެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުތަށް ގުނަމުން ގެންދާއިރު އިލެކްޓޯރަލް ކޮލެޖްގެ ގިނަ ވޯޓު ހޯއްދަވައިގެން އަދި ކުރީގައި އުޅުއްވަނީ ޖޯބައިޑަން އެވެ.

މިހާތަނަށް ލިބިފައިވާ އިލެކްޓޯރަލް ވޯޓަށް ބަލާއިރު ބައިޑަން އަށް އިލެކްޓޯރަލް ވޯޓުގެ 192 ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 114 ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އިލެކްޓޯރަލް ކޮލެޖްގައި ހިމެނޭ 538 މެންބަރުންގެ ތެރެއިން މަދުވެގެން 270 މެންބަރުންގެ ވޯޓު ލިބެންޖެ އެވެ. މިވަރަށް ކޮލެޖްގެ ވޯޓު ނުލިބި ރައްޔިތުންގެ ވޯޓު ގިނައިން ލިބުނު ނަމަވެސް އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުހިއްމު ސްޓޭޓްތަކުގައި ގުނަމުންދާ ވޯޓުތަކަށް ބަލާއިރު ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ޓްރަމްޕެވެ. އާންމުންގެ ވޯޓަށް ބަލާއިރު މިހާތަނަށް ބައިޑެން ވަނީ 12 ސްޓޭޓެއްގައި އަގުލަބިއްޔަތު ހޯއްދަވައިފަ އެވެ. ޓްރަމްޕްވަނީ 15 ސްޓޭޓެއްގެ އާންމުންގެ ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގައި ސްވިންގް ސްޓޭޓެއްގެ ގޮތުގައި ބެލެވޭ އެންމެ މުހިއްމު އެއް ސްޓޭޓަކީ ފްލޮރިޑާ އެވެ. ފްލޮރިޑާގެ އާންމުންގެ ވޯޓުގައިވެސް ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ ޓްރަމްޕް އެވެ.

މިހާތަނަށް ފްލޮރިޑާގެ 90 އިންސައްތަ ވޯޓުވަނީ ގުނައި ނިމިފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މުހިއްމު ސްވިންގް ސްޓޭޓެއްކަމަށްވާ ޕެންސިލްވީނިއާ ގެ އާންމުންގެ ވޯޓުގައި ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޓްރަމްޕާއި ބައިޑެންއަށް ވެސް ކާމިޔާބުކުރުން މުހިއްމު ސްޓޭޓްތަކުގެ ތެރޭގައި ހިމެނެނީ އެރިޒޯނާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިން އެވެ. (އެމެރިކާގެ މީޑިއާ)