އެމެރިކާގެ 59 ވަނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާލުމަށްފަހުން ވޯޓުތައް ގުނުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފުރަތަމަ ވޯޓު ފޮށި އިއްޔެ ހުޅުވާލީ އެގައުމުގެ ނިއު ހެމްޕްޝަޔާ ސްޓޭޓުގެ ޑިކްސްވިލް ނޮޗް ކިޔާ އަވަށެއްގަ އެވެ. އެންމެ 12 މީހުން ދިރިއުޅޭ އެ އަވަށަކީ 1960 ވަނަ އަހަރުން ފެށިގެން އަބަދުވެސް އެގައުމުން އެންމެ ފުރަތަމަ ވޯޓުލުން ފަށާ އަވަށެވެ.

މިހާރު ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު މުޅި އެމެރިކާގެ އިތުރުން ދުނިޔެ ވެސް ވަނީ އެމެރިކާގެ ވެރިއަކަށް ހޮވޭނެ ފަރާތެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.

އެމެރިކާގެ ވޯޓުލުމުގެ ފުރަތަމަ ޕޯލްތައް ބަންދުކޮށްފައިވަނީ އެމެރިކާ ގަޑީން އިރުއޮއްސި 6:00 އެވެ. އެއީ، ރާއްޖޭ ގަޑީން މިއަދު ފަތިހު 4:00 އެވެ. އެގޮތުން ވޯޓުލުން އެންމެ ކުރީން ނިންމާލައި ޕޯލް ބަންދުކޮށްފައިވަނީ ކެންޓަކީ އާއި އިންޑިއާނާގަ އެވެ. އަދި އެންމެ ފަހުން ބަންދުކުރާ ޕޯލްތައް މިއަދު ރާއްޖޭގެ ގަޑީން ހެނދުނު 10:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް ބެލެވެ އެވެ.

މިހާރު ގުނަމުންދާ ނުރަސްމީ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން އާއި މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެނޑިޑޭޓް ޑޯނަލްޑް ޓްރަމްޕް ދެމެދުގެ ފަރަގު ބޮޑެވެ.

އޭޕީ ނިއުސްގެ ނަތީޖާއަށް ބަލާނަމަ މިވަގުތު އިންތިހާބުގެ ކުރީގައި އުޅުއްވަނީ ޖޯ ބައިޑެން އެވެ. ޖޯ ބައިޑެންއަށް 209 އިލެކްޓޯރަލް ވޯޓްސް ލިބިފައިވާއިރު ޓްރަމްޕް އަށް ވަނީ 112 އިލެކްޓޯރަލް ވޯޓް ލިބިވަޑައިންނަވާފައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބައެއް މުހިއްމު ސްޓޭޓްތައް އެބަހުއްޓެވެ. އެ ސްޓޭޓުތަކުން އިންތިހާބުގެ ނަތީޖާއަށް ބޮޑެތި ބަދަލެއް އަންނާނެ ކަމަށް ބުނެއެވެ. އެ ސްޓޭޓްތަކަކީ އެރިޒޯނާ، ޕެންސިލްވޭނިއާ، ފްލޮރިޑާ، ޖޯޖިއާ، މިޝިގަން، މިނެސޯޓާ، ނޯތު ކެރޮލައިނާ، ޓެކްސަސް އަދި ވިސްކޮންސިން އެވެ. މިހާރުގެ ނަތީޖާތަކަށް ބަލާއިރު ގިނަ ސްޓޭޓްތަކެއް ކާމިޔާބުކުރައްވާފައިވަނީ ޓްރަމްޕް އެވެ. އެގޮތުން

އެރިޒޯނާ – ބައިޑެން

ޕެންސިލްވޭނިއާ - ޓްރަމްޕް

ފްލޮރިޑާ – ޓްރަމްޕް

ޖޯޖިއާ - ޓްރަމްޕް

މިޝިގަން - ޓްރަމްޕް

މިނެސޯޓާ - ބައިޑެން

ނޯތު ކެރޮލައިނާ - ޓްރަމްޕް

ޓެކްސަސް - ޓްރަމްޕް

ވިސްކޮންސިން – ޓްރަމްޕް