04 Nov 2020, 08:25
ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ދުވަސްކޮޅެއް ކުރިން އެގައުމުގެ އެތައް މިލިއަން މީހުންނަށް ލިބުނު އޮޓޮމޭޓެޑް ފޯނު ކޯލްތަކެއްގައި "ގޭގައި މަޑު ކުރަން" ބުނި މައްސަލަ އެގައުމުގެ ފެޑެރަލް އިންވެސްޓިގޭޝަން ބިއުރޯ (އެފްބީއައި)އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން އެ ފޯން ކޯލްތައް ފެށުނީ މި އަހަރުގެ މެދުތެރޭގަ އެވެ. އަދި މިދިޔަ މަހު އެ ފޯން ކޯލްތައް ލިބޭ މިންވަރު އިތުރުވެ، އެގައުމުގެ 317 އޭރިއާ ކޯޑުގެ ތެރެއިން 280 އޭރިއާ ކޯޑުގައި ދިރިއުޅޭ ގާތްގަނޑަކަށް 10 މިލިއަން މީހުންނަށް އެ ފޯން ކޯލްތައް ލިބުނު ކަމަށް ބެލެވެ އެވެ.
އެ ފޯން ކޯލަށް ޖަވާބު ދިނުމުން ފުރަތަމަ އަޑު އިވެނީ އެއީ ޓެސްޓެއް ކަމަށެވެ. އަދި ރައްކާތެރިވެ ތިބުމަށްޓަކައި ގޭގައި މަޑު ކުރުމަށް ބުނެ އެވެ.
"މިއީ ޓެސްޓު ކޯލެއް. މިއީ ގޭގައި ތިބެންވީ ވަގުތު. ރައްކާތެރިވެ ތިއްބަވާ އަދި ގޭގައި މަޑު ކުރައްވާ،" ފޯނަށް ޖަވާބު ދިނުމުން އަޑު އިވެ އެވެ.
އެފަދަ އޮޓޮމެޓިކް ކޯލްތައް ހުއްޓުވާ ސޮފްޓްވެޔާ އުފައްދާ ޔޫމެއިލް ކުންފުނީގެ ސީއީއޯ އެލެކްސް ކުއިލިކީ ވިދާޅުވި ގޮތުގައި އެ ފޯން ކޯލްތައް ކުރި ބަޔަކު ވަނީ އެމީހުންނަނީ ކޮން ބަޔެއް ކަމާއި އެ މީހުން ތިބި ތަނެއް ފޮރުވުމަށްޓަކައި ޒަމާނީ އުކުޅުތައް ބޭނުން ކޮށްފަ އެވެ. އަދި އެ ކޯލްތައް ލިބޭ މީހުންގެ އެއްވެސް މައުލޫމާތެއް ދޭން އެދިފައި ނުވާތީ، އެ ކޯލްތަކުގެ މަގުސަދަކީ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ޑިޕާޓްމެންތް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގެ އިންތިހާބުގައި ވޯޓު ލުން ހުއްޓުވުމަށް ކޮށްފައިވާ ފޯން ކޯލްތަކެއް އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެފަދަ އޮޓޮމެޓިކް ކޯލްތައް ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް ލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ގިނަ ސްޓޭޓުތަކުގައި ވޯޓު ފޮށިތައް ބަންދުކޮށްފައިވާ އިރު މިހާރު ވޯޓު ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތް ކުރައްވާ އިރު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ.