ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަމަލުތައް މިހާރު ހުންނަ ގޮތާ މެދު ބޭރުގެ ގައުމުތަކުން ވެސް ކަންބޮޑުވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މީޑިއާ ކޮމެޓީގެ މެންބަރު ދުންޔާ މައުމޫން ވިދާޅުވީ ޕީޕީއެމް އިން ބޭރު ގައުމުތަކުގެ އެކި ފަރާތްތަކާ މިހާރު ބައްދަލު ކުރަމުން އަންނަ ކަމަށާއި އެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ތެރޭގައި ރައީސް ނަޝީދު މިހާރު ކަންތައްތައް ކުރައްވާ ގޮތާ މެދު އެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ މިހާރުގެ މަސްރަހާ ބެހޭ ގޮތުން ސަރުކާރުން ބޭރުގެ ފަރާތްތަކަށް ދޮގު މައުލޫމާތު ދެމުން ގެންދާކަން ބޭރުގެ ފަރާތްތަކާ ބައްދަލުކުރި ކުރުމުން އެނގިގެން ހިނގައެއްޖެ ކަމަށާއި ބޭރުގެ ފަރާތްތަކާ ބައްދަލުކޮށް ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުގެ ހަގީގަތް ކިޔައިދީފައި ވާނެ ކަމަށެވެ.

"ޔޫކޭ، ކެނަޑާ، އަދި ޖަޕާންގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ އިތުރުން ޓެލެފޯނުގެ ޒަރިއްޔާއިންނާއި އީމެއިލުން އަޅުގަނޑުމެން މިގެންދަނީ ވާހަކަ ދައްކަމުން. އެބޭފުޅުންނާ ވާހަކަ ދެއްކުމުގެ ތެރޭގައި އަޅުގަނޑުމެނަށް އެނގިގެން ހިނގައްޖެ ސަރުކާރުން އެ ބޭފުޅުންނަށް ދެމުންގެންދާ މައުލޫމާތަކީ ސައްޚަ މައުލޫމާތެއް ނޫންކަން،" ދުންޔާ ވިދާޅުވި އެވެ.

ސަރުކާރުން ގާނޫނާ ޚިލާފަށް މިހާރު ކުރަމުން މިގެންދާ ކަންތައްތައް ބޭރުގެ ފަރާތްތަކުން ވަރަށް ބޮޑަށް ބަލަމުން ގެންދާ ކަމަށާއި ރާއްޖެ އަށް މިހާރު ގެނެވިފައިމިވާ ޒަމާނީ ޑިމޮކުރެސީ އޭގެ ޅަފަތުގައި ނެތިގެން ދިޔުމަކީ އެ ބޭފުޅުން ވެސް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް އަލަސިން އަޔަސް އާއި ރާއްޖޭގައި ހުންނަ ޔޫއެންގެ އިސްފަރާތާއި އެ ޕާޓީން ބައްދަލުކުރެއްވި އިރު މިހާރު ރާއްޖެ އިން ބޭރުގައި ހުންނެވި އެ ޕާޓީގެ ކައުންސިލް މެނަބަރު މުހައްމަދު ހުސެއިން ޝަރީފް އިނގިރޭސިވިލާތާއި، ކެނަޑާ، އަދި ޖަޕާންގެ އިސް ފަރާތްތަކާއި ވެސް ބައްދަލުކުރައްވާފައިވާ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.