03 Nov 2020, 23:00
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ނަސްރުގެ ދުވަހާ ގުޅިގެން މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގަ އެވެ.
އޭނާގެ އިތުރުން ޕީއެންސީގެ ކައުންސިލް މެމްބަރު ނަބީލް ޒަމީލް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
"އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވަނިކޮށް އެއްވުން ކުރިއަށް ގެންދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި." ފުލުހުން ބުނެފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމަކީ ނަސްރުގެ ދުވަހާ ގުޅިގެން 'ބަޑި ބުރާސްފަތި'ގެ ނަމުގައި ޖަލްސާއެއް ބާއްވަން ހުއްދަ ނުދިނުމުންނެވެ.
މިދިޔަ އަހަރުވެސް ހަމަ އެ ނަމުގައި ނަސްރުގެ ދުވަހު ޖަލްސާ ބާއްވަން ހުއްދަ ނުދިނުމުން އިދިކޮޅު ކޯލިޝަނުން ވަނީ އެއްވުމެއް ބާއްވާފަ އެވެ.