04 Nov 2020, 07:53
ލަންޑަން (ނޮވެމްބަރު 3): އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން ކަމަށް ބުނެ، އިނގިރޭސިވިލާތުގެ މީހަކު 1.29 މިލިއަން ޑޮލަރު ބެޓްކޮށްފި އެވެ.
އޮންލައިންކޮށް ބެޓް ކުރާ ދުނިޔޭގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ބެޓްފެޔާ އެކްސްޗޭންޖުގައި ބައިޑެންއަށް ތާއިދުކޮށް މިދިޔަ މަހުގެ 29ގައި މިލިއަން ޑޮލަރުގެ ބެޓް ކުރި މީހާގެ ވަނަވަރު ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް ބައިޑެން އިންތިހާބު ކާމިޔާބު ކޮށްފި ނަމަ އޭނާ ބެޓް ކުރި 1.29 މިލިއަން ޑޮލަރުގެ އިތުރުން އޭނާއަށް 696,170 ޑޮލަރު ލިބޭނެ އެވެ.
އެއީ ބެޓް ފެޔާ އެކްސްޗޭންޖުގައި މީހަކު ބެޓް ކުރި ތިން ވަނައަށް އެންމެ ބޮޑު ފައިސާގެ އަދަދެވެ. އެ ޕްލެޓްފޯމްގައި އެންމެ ގިނަ އަދަދަކަށް ބެޓް ކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ފްރެންޗް އޯޕެންގައި ރަފައެލް ނަދާލް މޮޅު ވާނެ ކަމަށް ބުނެ އެވެ. އެއީ 1.4 މިލިއަން ޑޮލަރެވެ. އެ ފަހަރު މެންސް ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދީ ނަދާލް އެވެ.
އެމެރިކާގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެެވެނީ ބައިޑެން އެވެ. އެގޮތުން ބައިޑެންއަށް 52 ޕަސެންޓު ވޯޓު ލިބޭނެ ކަމަށް އެންމެ ފަހުގެ ވޯޓުތަކުން ދައްކާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ލިބޭނެ ކަމަށް ބެލެވެނީ 44 ޕަސެންޓު ވޯޓެވެ.