ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން އިންގިލާބުކޮށްލައި އޭނާ އަވަހާރަކޮށްލި ހާދިސާ ދިރާސާކޮށް ލިޔެފައިވާ ފޮތް "އޯކިޑް" ރޭ ނެރެފި އެވެ.

ރާއްޖޭގެ ދުވަސްވީ ބްރޯޑްކާސްޓް ޖާނަލިސްޓެއް ކަމަށްވާ މުހައްމަދު ޖަމީލު ލިއުއްވި އެ ފޮތް ރޭ ނެރެދެއްވީ އަމީނު ދީދީގެ ކާފަދަރިކަލުން އަމީނު ފައިސަލް އާއި ކާފަދަ ރަދިކަނބަލުން އައިޝަތު ޝުވޭކާރު އެވެ.

ފޮތް ނެރުމަށް ރޭ ނެޝަނަލް އާޓްގެލެރީގައި ބޭއްވި ހަފުލާގައި އަމީންދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނާއި އަމީނު ދީދީއާ އެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އޭނާ އަވަހާރަކޮށްލި ހާދިސާ ދެކެވަޑައިގެންނެވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އަމީނު ދީދީގެ ހަޔާތްޕުޅާ ގުޅުން ހުރި ތާރީހީ ގިނަ ފޮޓޯތަކެއް ދައްކަން ބަހައްޓާފައި ހުރި ފޮޓޯ މައުރަޒަކާ އެކު ބޭއްވި އެ ހަފުލާގައި ކުރިން އާއްމުކޮށްފައި ނުވާ އަމީންދީދީގެ ތަގުރީރެއްގެ ރެކޯޑިންއެއް އިއްވުމާއި ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރުމުގެ ރަސްމިއްޔާތާއި އަމީނު ދީދީގެ ވެރިކަމުގައި މާލޭގެ ހާލަތު އޮތް ގޮތް ފެންނަ ވީޑިއޯއެއް ދެއްކުން އޮތެވެ.

އަމީނު ދީދީގެ އަރިހުގައި މަސައްކަތްކުރެއްވި އަދި އޭނާގެ ވެރިކަން އިންގިލާބު ކޮށްލުމަށް ފަހު މީހުން އެއްވެ އަނިޔާކޮށް، ދޯންޏަކަށް އެއްލާލާފައި އޮންނަވަނިކޮށް ދެކެވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޒާހިރު ނަސީރު ރޭގެ ހަފުލާގައި ވާހަކަފުޅު ދެއްކެވި އެވެ. އަމީނުދީދީގެ ހިދުމަތްތެރިކަމާއި ދުރުވިސްނުންފުޅާ ބެހޭ ގޮތުން ޒާހިރު ނަސީރު ވަރަށް ދިގުކޮށް ވާހަކަފުޅު ދެއްކެވި އެވެ.

ފޮތް ނެރުމުގެ ހަފުލާއަށް ފަހު އެފޮތާއި ފޮޓޯ މައުޒަރުގައި ބަހައްޓާފައި ހުރި ފޮޓޯތައް ވިއްކުން އޮތެވެ.
ރޭގެ ހަފުލާގައި ފޮތުގެ މުސައްނިފު މުހައްމަދު ޖަމީލު ދެއްކެވި ވާހަކަފުޅުގައި އެފޮތް އެކުލަވާލުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވެވަޑައިގަތް ދަތިތަތަކާއި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި އަމީނު ދީދީގެ ދަރިކަނބަލުން އަމީނާ ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އޭނާއަށް ޝުކުރުއަދާކުރެއްވިއެވެ.

ފޮތް ނެރުމަށް ފަހު ފޮތުގެ ކޮޕީއެއް ޖަމީލު އަމީނާއަށް ހަދިޔާކުރެއްވި އެވެ. އެ ފޮތުގެ ކޮޕީއެއް ވިއްކަނީ 200ރ. އަށެވެ.