އެމްއެމްޕީއާރުސީގެ ހިޔާނާތުން އެންމެ ބޮޑު ފައިދާއެއް ނެންގެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން އެންމެ ބޮޑު ފައިދާއެއް ލިބިވަޑައިގެންނެވީ ނަޝީދަށް ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު މުހައްމަދު ޝަހީދު ވިދާޅުވި އެ ތުހުމަތުތައް ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--

"ސުލޫކީ ކޮމެޓީގެ މުގައްރިރުގެ މަގާމުގައި އިހަކަށް ދުވަހު ސަސްޕެންޑު ކުރެވެންދެން ހުންނެވި ބޭފުޅެއް. ޝުއައިބު އަލީއަކީ. ޝުއައިބު އަލީގެ ފަރާތުން ތުހުމަތުތައް ކުރައްވަމުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ފައިސާގެ އެންމެ ބޮޑު މަންފާއެއް ލިބިވަޑައިގެންނެވި ބޭފުޅަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ކަމަށް. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ އެމަނިކުފާނުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ބަލަން އެސެޓް ރިކަވަރީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އައްސަދު ޝަރީފް ވިދާޅުވީ މި މައްސަލަ ފެންމަތި ކުރެއްވި ޝުއައިބަކީ އެމްޑީޕީ އުފަންކުރުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރައްވައި، ރައީސް ނަޝީދުގެ އަރިހުގައި ވަރަށް އިތުބާރާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"އެ ބޭފުޅާ މިވަރުގެ ތުހުމަތެއް ކުރައްވައި، އެމްއެމްޕީއާރުސީގެ މައްސަލައަކީ ރާއްޖޭގައި ހިނގި ހިޔާނާތުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި މައްސަލައާ ގުޅުވާފައި ނަޝީދަށް ތުހުމަތުތަކެއް ކުރައްވައި ވާހަކަ ދެއްކެވީމަ މީގައި ހަގީގަތް އޮތީ ކިހާ މިންވަރަކަށްތޯ ބަލަން އެބަޖެހޭ،" އައްސަދު ވިދާޅުވި އެވެ.

މީގެ އިތުރުން މިވާހަކަތަކާ ގުޅިގެން ނަޝީދު އަމިއްލަފުޅަށް ވެސް އިއުތިރާފުވެވަޑައިގެން ވާހަކަ ދައްކަވާފައި އެބަހުރި ކަމަށެވެ.

"އެންމެފަހުން ބޭއްވި އިންތިހާބު ކެމްޕޭންތަކުގައި ރަށްރަށަށް ވަޑައިގެން ވާހަކަ ދައްކަވާފައި އެބަހުރި، ތިމަންނާ މިކަންކަން ކުރީމޭ، މިކަންކަން ކުރީ މިހެން ވެގެންނޭ. ތިމަންނަ އަދީބު، ރައީސް ޔާމީން ސަރުކާރުގެ ތެރެއަށް ވެއްދުމުގައި އިސް ދައުރެއް އަދާކުރަން ޖެހުނީ މިހެންމިހެން ވެގެންނޭ،" އައްސަދު ވިދާޅުވި އެވެ.

މިފަދަ ވާހަކަތަކާ ގުޅިގެން ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ބުނާ ސަރުކާރަކުން މައްސަލަ ނުބަލަނީ ކީއްވެގެންތޯ އައްސަދު ވަނީ ސުވާލު އުފައްދަވާފަ އެވެ.