ވޮޝިންޓަން (ނޮވެމްބަރު 3): އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕަށް ނާކާމިޔާބުވެއްޖެނަމަ އެމެރިކާގައި ވަރުގަދަ ހަމަނުޖެހުމެއް އުފިދާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ބިރުވެރިކަން

އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ފަރަންސޭސިވިލާތުގެ LCI ވެބްސައިޓާއި ވޮޝިންޓަންގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތަށް ބުނާގޮތުން އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ބިރުވެރިކަން އުފެދުނީ އިންތިޚާބުގެ ނަތީޖާ ކޮންމެގޮތަކަށް ދިޔަނަމަވެސް އެމެރިކާގެ ގަޑިން ނޮވެމްބަރު ތިން ވަނަ ދުވަހުގެ ހަވީރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިކަން އިއުލާނު ކުރެއްވުމަށް ޓްރަމްޕް ނިންމަވާފައިވާތީއެވެ. ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ދުވަހުގެ ވޯޓުލުން އެމެރިކާގައި މިހާރު ފަށާފައިވާއިރު މިއީ އެމެރިކާގެ ގަޑިން ނޮވެމްބަރު ތިން ވަނަ ދުވަހުގެ މެންދުރުކުރިއެވެ. ޓްރަމްޕްވަނީ އިންތިޚާބު ކާމިޔާބުކުރާނީ އޭނާ ކަމަށާ ނޮވެމްބަރު ތިން ވަނަ ދުވަހުގެ ހަވީރު އެކަން އޭނާ އިއުލާނު ކުރައްވާނެކަމަށް އިއްޔެ ވިދާޅުވެފައެވެ.

އިންތިޚާބުގެ ނަތީޖާ ޓްރަމްޕް އަމިއްލައަށް އިއުލާން ކުރައްވަނީ

ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބުވިކަން އޭނާ އަމިއްލައަށް އިޢުލާނު ކުރުމަށްޓަކައި ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރޭގައި އިސްކޮށް އުޅޭ 400 މީހުންނަށް ދައުވަތުދީގެން ބާއްވާ ޙާއްސަ ހަފްލާއެއް ވައިޓް ހައުސްގައި ހަވީރު ބޭއްވުމަށް ތައްޔާރުވަމުން ދާކަން ވައިޓް ހައުސްގެ މަސްއޫލުވެރިއަކުވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ނުކުރަނީސް އިންތިޚާބު ކާމިޔާބުކުރީ އޭނާކަން ޓްރަމްޕް އިއުލާނު ކުރައްވައިފިނަމަ ދެން އިންތިޚާބުގެ މައްސަލަ ނިންމަންޖެހޭނީ އެމެރިކާގެ ސްޕްރީމް ކޯޓުންނެވެ. ސްޕްރީމް ކޯޓުގައި މިހާރު ގިނައީ ޓްރަމްޕްގެ ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ ފަނޑިޔާރުންކަމަށްވާތީ ސްޕްރީމް ކޯޓުން މައްސަލަ ނިންމާނީ ޓްރަމްޕް ގެކޮޅަށްކަމަށް އޭނާއަށް ތާއީދުކުރާ މީހުން ދެކެއެވެ.

ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ މީހުންގެ އަދަދު ވަރަށްގިނަ

ޓްރަމްޕަށް ތާއީދު ކުރަނީ އާންމު ގޮތެއްގައި އެމެރިކާގެ ދޮން ނަސްލުގެ މީހުންގެ ތެރޭގައި ހިމެނޭ ނަސްލީ އިމްތިޔާޒުގެ ހަރުކަށި ފިކުރު ގެންގުޅޭ ވަތަނީ މީހުންނެވެ. އެމީހުންގެ އަދަދު އެމެރިކާގެ އާބާދީގެ 30 އިންސައްތައަށް އަރާކަމަށްވެއެވެ. ފަރަންސޭސި LCI ވެބްސައިޓާއި ވޮޝިންޓަންގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތަށް ބުނާގޮތުން ވޮޝިންޓަން, ނިޔުޔޯކް, ލޮސްއެންޖެލެސް، ޝިކާގޯ، ހިއުސްޓަން، ފިލެޑެލްފިޔާ، ސެންއެންޓޯނިއޯ، ސެންޑިއެގޯ އަދި ޑަލަސް ފަދަ އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ފުލުންނާއި އެސިޓީތަށް ނިސްބަތްވާ ސްޓޭޓްތަކުގެ ނެޝަނަލް ގާޑުންގެ ލަޝްކަރުތަކުންވަނީ ސަލާމަތީ ފިޔަވަޅުތަށް ވަރަށް ވަރުގަދައަށް އަޅާފައެވެ.

އެމެރިކާގެ ސްޓޭޓްތަކުގެ ނެޝަނަލް ގާޑުންގެ ލަޝްކަރުތަކާއި އެސްޓޭޓްތަކުގެ ފުލުހުންގެ ލަޝްކަރުތަކަކީ އެމެރިކާގެ އިއްތިޙާދީ ސަރުކާރުގެ ބާރު ހިނގާ ލަޝްކަރުތަކެއްނޫނެވެ. ވޮޝިންޓަންގެ މޭޔަރު މުރިއެލް ބޮވްސާވަނީ އެސިޓީގައި ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކޮށްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ. އަދި ވޮޝިންޓަންގެ ފުލުހުންގެ ވެރިޔާ ޕީޓާ ނިއުޒްހެމް ވެސްވަނީ އެކަން ހާމަކުރައްވާފައެވެ. (އެމެރިކާގެ މީޑިއާ)