04 Nov 2020, 08:38
ސާޖިދު ނަޑިއަދްވާލާ ގެނެސްދޭ "ބައްޗަން ޕާންޑޭ"ގެ ޝޫޓިން އަންނަ ޖަނަވަރީ މަހު ފަށާގޮތަށް ހަމަޖައްސައިފި އެވެ.
އަކްޝޭ ކުމާރު އާއި ކްރިތީ ސެނަން ލީޑު ރޯޅުން ފެނިގެންދާ އެކްޝަން ކޮމެޑީ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލާ ހަމައަށް ކުރިއަށްދާނެ އެވެ. މި ފިލްމުގެ މަންޒަރުތަކަށް ދެތަރިންވެސް އިންޑިއާގެ ސިޓީއެއްކަމަށްވާ ޖޭސަލްމާރަށްް ގޮސް 60 ދުވަހުގެ މެރެތޯންއެއް ފުރިހަމަ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ޝޫޓިން ކުރިއަށްދާއިރު ކޮވިޑްގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ފިލްމުގެ ޓީމުން ދޭނެ ކަމުގެ ޔަގީންކަން ސާޖިދު ދެ އެވެ. އޭނާ ބުނީ އެކަމަށް ހާއްސަ ޓީމެއް ވެސް އެކުލަވާލާފައިވާ ކަމަށާއި އެ ޓީމުގައި މުމްބާއީ ޑަކްޓަރުންގެ ޓީމެއްވެސް ހަރަކާތްތެރިވާނެ ކަމަށެވެ. ފިލްމުގެ ކާސްޓުންނާއި ކްރޫ މެންބަރުން އަންނަ މަހުގެ ފަހުކޮޅު ކޮވިޑަށް ޓެސްޓްކުރާނެ ކަމަށާއި އަދި ޝޫޓިން ފެށުމުގެ ތިން ދުވަސްކުރިން ކާސްޓުންނާއި ކްރޫ މެންބަރުން ކަރަންޓީންވެސް ކުރާނެ ކަމަށެވެ. އަދި ފިލްމުގެ މަންޒަރުތައް ނަގާ ލޮކޭޝަންތައް ސެނިޓައިޒްވެސް ކުރުމަށް ނިންމާފައިވާކަމަށް ސާޖިދު ވަނީ ބުނެފަ އެވެ.
ބައްޗަން ޕާންޑޭ އަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.