04 Nov 2020, 07:57
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަރްޖުން ރާމްޕާލް، 47، ލީޑު ރޯލުން ފެނިގެންދާ ޑްރާމާ "ނެއިލް ޕޮލިޝް"ގެ ޓީޒާ ދައްކާލައިފިއެވެ.
އަރްޖުން އާއި މާނަވް ކޯލް ލީޑު ރޯލުން ފެނިގެންދާ އެ ޑްރާމާގެ ޓީޒާއިން ފެނިގެންދަނީ މީހެއް މަރާލުމަށްފަހު ދެން ކޯޓުގައި ވާކަންތައްތަކެކެވެ. ކޯޓްރޫމް ޑްރާމާއެއްގެ ގޮތުގައި ނެއިލް ޕޮލިޝް ދައްކާނީ އަންނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެ މަހުގެ ފުރަތަމަ ދުވަހު ޑްރާމާ ރިލީޒްކުރާނީ ޒީ5ގައެވެ.
އަރްޖުން ބުނީ ނެއިލް ޕޮލިޝް އަކީ ތަފާތު މަސައްކަތެއް ކަމަށާއި އެ ބަލަމުންދާ ވަގުތު ވެސް ގާތިލަކީ ކާކުކަމެއް ނޭނގޭނެ ކަމަށާއި ފަހު ވަގުތައް ދާއިރުވެސް ތިބެންޖެހޭނީ ގާތިލަކީ ކާކުކަން "ގެސް" ކޮށްލަކޮށްލާ ކަމަށެވެ. ބެލުންތެރިން ސިއްސުވާލާ ވަރުގަދަ ރީތި މަންޒަރުތަކެއް ނެއިލް ޕޮލިޝް އިން ފެންނާނެ ކަމުގެ ޔަގީންކަން އަރްޖުން ދެއެވެ.
އެކްޓަރު އަރްޖުން ކުޅުނު ބައެއް ހިޓު ފިލްމުތަކުގެ ތެރޭގައި "ވީ އާ ފެމެލީ"، "ރާވަން" އަދި "އޯމް ޝާންތި އޯމް" ހިމެނެއެވެ.