ޝަރުއީ ނިޒާމުގެ ބޭރުން މީހުން ހިފައި ހައްޔަރު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން ތަބާވަން ޖެހޭނެ ކަމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނުން މިއަދު ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑރ. ވަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވެސް ހައްޔަރު ކުރެވެން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތީން ކަމަށެވެ.

ވަހީދު ވިދާޅުވީ މިހާރު ރާއްޖެ އިން ބަލައިގެންފައި ވަނީ ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ކަމަށާއި އެއްބާރުން އަނެއް ބާރަށް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ތިން ބާރުގެ ތެރޭގައި ވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް އެކުވެރި މާހައުލެއްގައި އެކަންކަން ރަނގަޅު ކުރުމަށް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

ކްލިކް ކޮލެޖުން ރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި ވެސް ޑރ. ވަހީދު ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ.

ޑރ. ވަހީދު ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްވެރިއަކީ އުއްތަމަ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ގަދަރު ކަނޑުވާލުކަމީ އަދުލު އިންސާފުގެ ބިންގާ ފުނޑުފުނޑު ކޮށްލުން ކަމަށެވެ.