03 Nov 2020, 15:14
ރ. ކިނޮޅަސް، ލަގްޒަރީ ޝިރުމީނާ އަބޫބަކުރު، މާލެއިން ރަހީނުކޮށް، އަނިޔާކޮށް ބިރުދައްކައިގެން ގަދަކަމުން އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ޝިރުމީނާ އަބޫބަކުރު ގެއްލިގެން އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޭނާގެ މައުލޫމާތު އާންމުކޮށްފައި ވަނިކޮށް ޖެހިގެން އައި ދުވަހު އޭނާ ވަނީ އަމިއްލަ އަށް ގެއަށް ގޮސްފަ އެވެ.
ފުލުހުން ރޭ ބުނީ ބަޔަކު ޝިރުމީނާ ރަހީނުކޮށް އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާކަމަށް ބެލެވޭ ކަމަށެވެ.
އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހުން ބުނީ ޝިރުމީނާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.
ޝިރުމީނާގެ އާއިލާ އިން "ސަން"އަށް އިއްޔެ ބުނީ އޭނާ ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު ދޫކޮށްލީ 25،000 ރުފިޔާ ދިނުމުން ކަމަށެވެ. އަދި ފައިސާ ނުދީފިއްޔާ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ. އަދި ފުލުހުންނަށް ރިޕޯޓްކޮށްފި ނަމަ މަރާލާނެ ކަމުގެ އިންޒާރުދިން ކަމަށް ވެސް ބުންޏެވެ.