ދިވެހި ސިފައިންނަކީ ކެރޭ، ނަމޫނާ ލަޝްކަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ އޭރުވެސް، އަދި މިހާރުވެސް ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލާ އެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ.

"ނޮވެންބަރު 3 ގެ އުދުވާނީ ޙަމަލާއިން، ދިވެހި ގައުމު ހިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެން ނުދާނެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު އެދުވަހުގެ ހަނދާންތައް އާކުރަނީ އެދުވަހާ ގުޅިފައިވާ ބަތޮލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަނެ، އިބުރަތް ހާސިލު ކުރަމުން ކަމަށެވެ.

"ނަސްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބިވުމުގެ މުހިންމު ކަން. އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެ ވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ގައުމާ މެދު އޮންނަ ހާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން. އެ ލޯތްބާއި ގަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދޭ. ޖީލުން ޖީލަށް އެ ލޯބި ވާސިލުވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ 1988، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލުމުގައި، ދިވެހި ރައްޔިތުންގެ ފަރާތުން، ދައުލަތަށް ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، އެދުވަހުގެ އެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވި އާންމު ރައްޔިތުންނަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ހަމައެފަދައިން، ސަރުކާރުގެ އެދިވަޑައިގަތުމަށް، އިންޑިޔާ ސަރުކާރުން، އަސްކަރީ ގޮތުން ދިން އެހީތެރިކަމަށް، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސިފައިންނާ މެދު އޮންނަ ފުރިހަމަ އިތުބާރާއި ޔަގީންކަން ދެމެހެއްޓެވުމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވާ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ އަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ގައުމީ ދިފާއީ ބާރުން ކުރިއެރުމާއި ތަރައްގީ ހޯދަމުން އަންނަކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.