03 Nov 2020, 09:55
އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސްވެރިޔާ ރޮބާޓް ފިސްކު އަވަހާރަވެއްޖެއެވެ.
ސްޓްރޯކެއް ޖެހިގެން ރޮބާސް ފިސްކު އަވަހާރަވިއިރު އުމުރުން 74 އަހަރެވެ.
ފިސްކު އަވަހާރަވީ އަޔަލޭންޑްގެ ޑުބްލިންގައި މިދިޔަ ހުކުރު ދުވަހުންސުރެ ފަރުވާ ދެމުންގެންދަނިކޮށެވެ.
މެދުއިރުމަތީގެ ހަަބަރުތައް ކަވަރުކުރުމުގައި އުޅުއްވި ރޮބާޓްއަށް 1970 އިން ފެށިގެން ގިނަ އެވޯޑްތަކެއް ލިބިވަޑައިގެންފައިވެއެވެ.
ރޮބާޓްއަކީ އެމެރިކާ އަދި އިސްރާއިލްގެ ޕޮލިސީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދެވި ބޭފުޅެއްވެސް މެއެވެ.
ރޮބާޓްވަނީ ލުބްނާންގެ ދާހިލީ ހަނގުރާމައާއި، އިރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބާއި ސޯވިއަޓް ޔޫނިއަންއާ ދެކޮޅަށް އަފްގާނިސްތާނުން ކުރި ހަަނގުރާމައިގެ އިތުރުން އިރާން-އިރާގް ހަނގުރާމަވެސް ކަވަރުކޮށްފައެވެ.
ރޮބާޓް ކުރިން މަސައްކަތް ކުރެއްވީ އިނގިރޭސިވިލާތުގެ ނޫސް ޓައިމްސްގައެވެ. ނަމަވެސް އެ ނޫހުގެ ވެރިޔާ ރުޕާޓް މާޑޮކްއާ ޖެހުނު މައްސަލައެއްގައި 1989 އެ ނޫހުން ވަކިވިއެވެ. އޭގެ ފަހުން ހަޔާތުގެ ބާކީ ދުވަސްތަކުގައި މަސައްކަތް ކުރެއްވީ އިންޑިޕެންޑެންޓް ނޫހުގައެވެ.
ރޮބާޓް ވަނީ ތިން ފަހަރެއްގެ މަތިން އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންއާވެސް ބައްދަލުކުރައްވައިފައެެވެ.-- ބީބީސީ--