03 Nov 2020, 09:38
ޔޫރަޕްގެ ގައުމުތައް އަލުން ފުރަބަންދަށް ދާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވި ފުރަބަންދުކުރުމަކީ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވަން އޮތް ހައްލެއް ނޫން ކަމަށެވެ.
"ޔޫރަޕުން މީގެ ކުރިންވެސް މާ ވަރުގަދައަށް ވިއްދާފަ ފުރަބަންދުކުރި. އަނެއްކާވެސް އެެކަން ކުރަމުން އެގެންދަނީ. މިއީ ކޮން ކަމެއްތޯ؟ އަޅުގަނޑު ޔޫރަޕަށް ގޮސް އެބޭފުޅުންނަށް އެކަން އެބަ ކިޔައިދޭން ޖެހޭ" މިޝިގަންގައި ޓްރަމްްޕް ބޭއްވި ކެމްޕޭން ރެލީއެއްގައި ވިދާޅުވި އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވިއިރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމު އަލުން ފުރަބަންދަކަށް ދާން ނިންމިކަން މިދިޔަ އާދިއްތަ ދުވަހު އިއުލާންކުރައްވައިފަ އެވެ. އަލުން ފުރަބަންދަކަށް ދާން ނިންމީ އެގައުމުގައި މާގިނައިން ބަލި އަނެއްކާވެސް ފެތުރެމުންދާތީ އެވެ.
ޖަރުމަނާއި ފްރާންސާއި ގްރީސް އަދި ބެލްޖިއަމްއިންވެސް މިހާރު ވަނީ އެގައުމުތަކުގެ އެކި ހިސާބުތައް ފުރަަބަންދުކޮށްފަ އެވެ.
އެމެރިކާގައިވެސް މިހާރު އަނެއްކާވެސް ކޮރޯނާ ވައިރަސް ފެންނަމުންދާލެއް ވަނީ އިތުރުވެފަ އެވެ. އެގޮތުން އެގައުމުގެ 31 ސްޓޭޓެއްގައި ވަނީ މިދިޔަ މަހު ރެކޯޑް އަދަދެއްގެ މީހުން އެއް ދުވަސްތެރޭ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. -- ސީއެންއެން