03 Nov 2020, 09:56
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރު ޚާންގެ ދަރިފުޅު އިރާ ޚާން 23، އަށް ވެސް ޖިންސީ ފުރައްސާރަ އާ ކުރިމަތިލާންޖެހުނު ކަމަށް އޭނާ ބުނެފިއެވެ.
އިރާ ޚާން މިވަނީ އޭނާ އަށް ކުރިމަތިވި ކަންތައްތަކުގެ ވާހަކަތައް އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނަށް ކިޔާދީފައެވެ. އާމިރުގެ ދަރިފުޅު ބުނީ އޭނާ އަށް އެންމެ ފުރަތަމަ ޖިންސީ ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނީ އުމުރުން 14 އަހަރުގައި އޭނާ ދަންނަ މީހެއްގެ ފަރާތުން ކަމަށެވެ. ނަމަވެސް އޭރު އެއީ ގޯސްކަމެއްކަން ނޭނގޭ ކަމަށާއި އެ މީހާ އެ ކުރާ ކަންތައްތަކަކީ ގޯސްކަމެއްކަން އެނގެން ވެސް އަހަރެއްހާ ދުވަސް ނެގި ކަމަށެވެ
"އޭރު އަހަރެންނަކަށް ނޭނގެ އެއީ ކޮންކަހަލަ ކަމެއް ކަމެއް. ކޮންމެ ކޮންމެ ދުވަހަކު އެމީހާ އާ ކުރިމަތިލާންޖެހުނު ވާހަކައެއް ނޫން މިބުނީ. އެކަމަކު އެއީ ކޮންކަހަލަ ކަމެއްކަން އެނގުނު އިރަށް މަންމަ އާއި ބައްޕަ ގާތު ވަގުތުން ބުނިން،"
އިރާ ބުނީ އެވާހަކަތައް މަންމަމެންނަށް ކިޔާދިނީ އީމެއިލްގެ ޒަރިއްޔާ އިން ކަމަށާއި މެއިލް ކިޔުމަށްފަހު މަންމަމެން ވަގުތުން އެކަމަށް ފިޔަވަޅު އަޅާއި އެ ދަނޑިވަޅުން އޭނާ ސަލާމަތްކޮށްދިން ކަމަށެވެ. އެ ހާދިސާ އިން ސަލާމަތްވުމުން ފަހުން އެކަމާ ބިރު ނުގަތްނަމަވެސް އެ ވާހަކަތައް މިހާރަކަށް އައިސް އަބަދު އިވޭތީ އެކަމަކީ އޭނާއަށް ވެސް ދިމާވެފައި ހުރި ކަމެއްކަން ހަނދާން އާ ވާކަމަށެވެ.
އިތުރަށް ވާހަކަދައްކަމުން އިރާ ބުނީ ހަޔާތުގައި ދިމާވި ކަންތައްތަކުގެ ސަބަބުން ޑިޕްރެޝަނަށް ވެސް ދިޔަ ކަމަށާއި ޖިންސީ ފުރައްސާރައާ ކުރިމަތލިލާންޖެހުމުގެ އިތުރުން މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުންވީ ފުރަތަމަކޮޅު އޭނާ އަށް ވަރަށް އަސަރުކުރުވި ކަމެއް ކަމަށެވެ. އޭނާ ބުނީ އޭނާގެ އާއިލާ އަކީ ވަރަށް ރަނގަޅު އާއިލާ އެއްކަމަށާއި މަންމަ އާއި ބައްޕައާ ދެމީހުން ވަކިވިނަމަވެސް އެކަން ދެމީހުންވެސް އިހުސާސްކޮށްދީފައިނުވާކަމަށެވެ.
"މީހުން ގާތު މަންމަ އާ ބައްޕަ ވަރިވެފައޭ ބުނީމަ އެމީހުން ބުނާނެ ސޮރީއޭ. އަހަރެން ބުނަން އެއީ ކީއްވެ ހޭ؟ ދެމީހުން ވަކިވުމަކީ ގޯސްކަމެއް ނޫނޭ،"
އާމިރު ޚާން އާއި ރީނާ ދައްތާގެ ކައިވެނި ރޫޅުނީ 2002 ވަނަ އަހަރުއެވެ. ކައިވެންޏަށް 16 އަހަރުވީތަނާ ދެމީހުން ވަކިވިއިރު އެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ އިރާ އާއި ޖުނައިދު ޚާން އެވެ. އެކްޓަރު އާމިރު މިހާރު ކައިވެނިކޮށްގެން އުޅެނީ ކިރަން ރާއޯ އާއެވެ. 2005 ވަނަ އަހަރު އެ ކައިވެނި ކުރި އިރު އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ.