03 Nov 2020, 09:40
ވޮޝިންޓަން (ނޮވެމްބަރު 2): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ މަގާމުން ދުރު ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.
އެމެރިކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް ފަހު ފައުޗީ މަގާމުން ދުރު ކުރާނެ ކަމަށް ދޭހަވާ ގޮތަށް ޓްރަމްޕް ވާހަކަ ދެއްކެވީ ފްލޮރިޑާގައި ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން އެގައުމުގެ މީޑިއާތަކުން ކޮވިޑް-19އާ ބެހޭ މައުލޫމާތު ގެނެސްދޭ ގޮތާ ބެހޭ ގޮތުން ޓްރަމްޕް ޝަކުވާ ކުރެއްވުމުން، ކެމްޕޭން އެއްވުމުގައި ތިބި ބައެއް މީހުން ފައުޗީ މަގާމުން ދުރު ކުރުމަށް ގޮވާލި އެވެ. އަދި އެ ގޮވާލުންތަކަށް ރައްދު ދެމުން ޓްރަމްޕް ވިދާޅުވީ އިންތިހާބު ބާއްވާ ނިމެންދެން މަޑު ކުރުމަށެވެ.
"އިންތިހާބަށް ފަހު ކުޑަ ދުވަސްކޮޅަކަށް މަޑު ކުރަން އަޅުގަނޑަށް ފުރުސަތުދީ. ތި ނަސޭހަތަށް ޝުކުރު އަދާ ކުރަން،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވީ އޭނާގެ ސަރުކާރުން ކޮރޯނާވައިރަހާ މެދު އަމަލު ކުރާ ގޮތަށް ފައުޗީ ފާޑު ވިދާޅުވެ، ވޮޝިންޓަން ޕޯސްޓަށް އިންޓަވިއު އެއް ދެއްވި ފަހުންނެވެ. އެ އިންޓަވިއުގައި ފައުޗީ ވިދާޅުވި ގޮތުގައި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑެން މި ބަލިމަޑުކަން ސީރިއަސްކޮށް ނަންގަވަ އެވެ. ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ އިގުތިސާދަށާއި ގައުމު އަލުން ހުޅުވާލަން ކަމަށް ފައުޗީ ވިދާޅުވި އެވެ.
އެ އިންޓަވިއުއާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ ފައުޗީ ސިޔާސީ ވެފައިވާ ކަމަށް ބުނެފަ އެވެ.
އެމެރިކާގައި މިހާތަނަށް 9.2 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 230,000 މީހަކު ވަނީ މަރުވެފަ އެވެ.