ލާދީނީ ސަރުކާރެކޭ ބުނެ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާއިރު އެކަން ތަހުގީގުކުރަން ޖެހޭކަމަށް އިސްލާމިކް މިނިސްޓާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ހަވާލާދެއްވާ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހަފްތާގެ ރޭޑިއޯ ޚިތޯބުގައި ވާހަކަ ދައްކަވަމުން ޑރ. ބާރީ އާއި ހަވާލާދެއްވާ ރައީސް ނަޝީދު ވިދާޅުވީ ލާދީނީ ސަރުކާރެކޭ ބުނާއިރު އެއީ ވަރަށް ބޮޑު އިލްޒާމެއް ކަމަށާއި އެކަން ތަހުގީގު ކުރަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ވާހަކަދައްކާ ފަރާތްތަކުން އޭގެ ސާބިތު ހެކި ވެސް ދައްކަން ޖެހޭނެ ކަމަށެވެ.

"ލާދީނީ ސަރުކާރެކޭ އެހެން ބުނާއިރުގައި، އެއީ ވަރަށްބޮޑު އިލްޒާމެއް، އެ ސަރުކާރުގެ ބޮލުގައި އެޅުވެނީ ކަމަށާއި، އެކަންތައްތައް ތަޙުޤީޤުކޮށް ބަލަން އެބަޖެހޭ ކަމަށާއި، އެކަން އަދި އެވާހަކަ ދައްކާ ފަރާތްތަކުން ޖަވާބުދާރީވެސްވާންޖެހޭނެ ކަމުގައި ވިދާޅުވެ، އޭގެ ސާބިތު ހެކިވެސް އެފަރާތްތަކުން ދައްކަންޖެހޭނެ ކަމުގައި ޑޮކްޓަރ ބާރީ ވަނީ ވިދާޅުވެފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީ އުފެދިފައި އޮތީ، ސަރުކާރު ހިންގުމުގެ ނިޒާމާއި ދައުލަތް ހިންގުމުގެ ނިޒާމަށްވެސް ފާޑުކިޔުމުގެ މައްޗަށް ބިނާވެފައިކަމަށާއި، ފާޑުކިޔުމާއި، މީހުންގެ ބޮލުގައި ސާބިތުނުވާ އިލްޒާމްތައް އެޅުވުމަކީ މުޅިން ތަފާތު ދެކަމެއްކަމަށް ޑރ. ބާރީ ވިދާޅުވެފައި ވާކަމަށެވެ.

"މިއަދުގެ ގާނޫނުއަސާސީ ވެސް އުފެދިފައި އޮތީ، ސަރުކާރު ހިންގުމުގެ ނިޒާމްވެސް އަދި ދައުލަތް ހިންގުމުގެ ނިޒާމްވެސް އޮތީ ފާޑުކިޔުމުގެ މައްޗަށް ބިނާވެފައި ކަމަށާއި، މި ދައުލަތް ހިންގަމުންދަނީ ފާޑުކިޔައިގެން، ކަންކަން އިސްލާހްކޮށް، ތިންބާރު ވަކިކުރެވި، އެއްބާރުން އަނެއް ބާރަށް ފާރަވެރިވާ ގޮތަށް ކަމުގައި ވިދާޅުވި. އަދި އެ ފާޑުކިޔުމާއި، މީހުންގެ ބޮލުގައި ސާބިތުނުވާ އިލްޒާމްތައް އެޅުވުމާ، މިއީ ތަފާތު ކަންތައްތަކެއްކަން އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަންޖެހޭނެ ކަމަށް ވިދާޅުވި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދީނާއި ގުޅުވައިގެން ދައްކާ ސާބިތުނުހިފޭ ތުހުމަތުތަކާއި އަދުލު އިންސާފް ގާއިމްކުރުމުގައި މެދުވެރިވާ ހުރަސްތައް ނައްތާލުމަށްޓަކައި ފަހަތަށް ނުޖެހި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވެސް ވިދާޅުވި އެވެ.
"ދީނާ ގުޅުވައިގެން ކުރައްވާ ސާބިތު ނުހިފޭ ތުހުމަތުތަކާއި އަދި ހަމައެހެންމެ، ޢަދުލު އިންޞާފު ޤާއިމް ކުރުމުގައި މެދުވެރިވާ ހުރަސްތައް ނައްތާލުމަށްޓަކައި، އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. އެއިން ކަމެއްގައި އިރާދަފުޅާއެކު، އެއްގޮތަކަށްވެސް ފަހަތަކަށް ނުޖެހޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މީހަކާ ދިމާއަށް އޭނާއަކީ ލާދީނީ މީހަކު ކަމަށް ތުހުމަތުކޮށް، އިނގިލި ދިއްކޮށް ވާހަކަ ދައްކާ ކަމުގައިވާނަމަ އެފަދަ ނިންމުމެއްވާނީ، ޝަރުއީ ހުކުމަކަށް ކަމަށާއި ޝަރުއީ ހުކުމެއް ކުރެވެންޖެހޭނީ ކޯޓަކުން ކަމަށެވެ.

"ޑޮކްޓަރ ބާރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތެއް، ލާދީނީ ކަމުގައި ބުނެވޭ ބުނުމުގެ މައްޗަށް، އަނެއްކާ އެތައް ޙުކުމްތަކެއްވެސް އަންނާނެ. މިސާލަކަށް، މީހަކީ ލާދީނީ މީހެއް ކަމަށް ކަނޑައަޅައިފި ކަމުގައިވާނަމަ، އެމީހާގެ އަނބިމީހާއަކީވެސް އެއީ، ވަރިވެފައި ހުރި މީހަކަށްވާނެ ކަމަށާއި އަދި އޭނާ މަރުވެއްޖެ ކަމުގައިވާނަމަ، ނުވަތަ އޭނާގެ ގާތްތިމާގެ މީހަކު މަރުވިޔަސް، ވާރުތައެއްވެސް ނުވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި. އެހެންވީމާ، މިކަމުގައި މިދެންނެވި ކަހަލަ ބައިވަރު ޝަރުޢީ މައްސަލަތަކެއް ހުރުމާއެކު، ޑޮކްޓަރ ބާރީ ފާހަގަކުރެއްވީ، އެއްވެސް ޙުކުމެއް މީސްމީހުންނަށް، އަދި އަމިއްލަ ފަރުދުންނަށް މަގުމަތީގައި ނުކުރެވޭނެ ކަމަށް. އަދި މީޑިއާގައިވެސް އެފަދަ ޙުކުމެއް ނުކުރެވޭނެ ކަމަށް. މީހަކާ ދޭތެރޭގައި އެފަދަ ތުހުމަތެއް ކުރެވޭ ކަމުގައިވާނަމަ، އެ ތުހުމަތު ޖެހޭނީ، ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ސާބިތުކޮށްދޭން ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރަކީ ލާދީނީ ސަރުކާރެކޭ މިހެން އެއްވެސް ފަރާތަކުން ބުނާނަމަ އޭގެ މާނައަކީ ސަރުކާރު ހިންގުމުގައި ތިބި އެންމެންނަކީ ކާފަރުން ކަމުގައި ދެކެވޭނެ ކަމަށާއި ލާދީނީ މީހުންނޭ ބުނުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވެސް ވިދާޅު ވިއެވެ.

"ދެން މުޅި ސަރުކާރާ ދޭތެރޭ، ސަރުކާރަކީ ލާދީނީ ސަރުކާރެކޭ، މިހެން އެއްވެސް ފަރާތަކުން ބުނާކަމަށްވާނަމަ، އޭގެ މާނައަކީ ސަރުކާރުގެ އެޑްމިނިސްޓްރޭޝަންގައި އެ ތިބަ ހުރިހާ އެންމެންނަކީ ކާފަރުން ކަމުގައި ދެކެވޭނެ ކަމަށް. ލާދީނީ މީހުންނޭ، ބުނާ ކަމުގައިވާނަމަ، އޭރުން އަދި މައްސަލައިގެ ސީރިއަސްކަން ބޮޑުވާ ކަމުގައި ޑޮކްޓަރ ބާރީ ފާހަގަކުރެއްވި،" ރައީސް ނަޝީދު ވިދާޅުވި އެވެ.