02 Nov 2020, 21:09
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސ. ހުޅުދޫ، ކުއްޅަވައްގެ، ޑރ. މުހައްމަދު ސޯލިހު އައްޔަންކުރައްވައިފިއެވެ.
ޑރ. މުހައްމަދު ސޯލިހު އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ.
ރައީސް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ސީއީއޯއެއް އައްޔަންކުރައްވާފައި ވަނީ، އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ޑރ. ސޯލިހަކީ 15 އަހަރުވަންދެން ސިއްހީ ދާއިރާގެ ހިންގުމުގެ މަތީ ފަންތީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުކެވެ. އަދި އޭނާ ވަނީ 26 އަހަރު ދުވަހު ކްލިނިކަލް ކެއާގެ ދާއިރާއިން ވެސް ތަޖުރިބާ ހޯއްދަވާފައެވެ.
ޑރ. ސޯލިހު މާސްޓާ އޮފް ސާޖަރީ (ޖެނެރަލް ސާޖަރީ) ހާސިލުކުރެއްވީ ނޭޕާލުގެ ތްރިބުވަން ޔުނިވާސިޓީ ޓީޗިންގ ހޮސްޕިޓަލުންނެވެ. އޭގެ އިތުރުން، އޭނާ ވަނީ އިނގިރޭސިވިލާތުގެ ނޮޓިންގްހަމް ޔުނިވާސިޓީއިން މާސްޓާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.
އަދި، ޑރ. ސޯލިހު ވަނީ ރާއްޖޭން ބޭރުގައި ހިންގާފައިވާ ސިއްހީ ދާއިރާއާ ގުޅޭ ގިނަ ތަމްރީނު ޕްރޮގްރާތަކެއް ފުރިހަމަކުރައްވާ، ގިނަ ވޯކްޝޮޕްތަކާއި ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ޑރ. ސޯލިހު އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސާޖަން އެއްގެ މަގާމު ފުރުއްވާފައެވެ. ހަމަ އެއާއެކު، އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.
އޭގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިތުރު އެހެން ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ އިސް މަގާމުތައް ވެސް ޑރ. ސޯލިހު ވަނީ ފުރުއްވާފައެވެ.
ޑރ ސޯލިހަކީ މޯލްޑިވްސް އެންޓި ޑޯޕިންގ އެސޯސިއޭޝަންގެ ރައީސްއެވެ. އަދި އޭނާ އަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ އެއް ބާނީއެވެ.