02 Nov 2020, 22:06
ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށައަޅާފައިވާ ބައެއް އިސްލާހުތަކާ ދެކޮޅުކަން ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން ހާމަކޮށްފިއެވެ.
ކުޅިވަރުގެ ގާނޫނުގައި ފުރިހަމަ ނޫން ގިނަ ކަންތައްތަކެއް ހުރި ކަމުގެ ޝަކުވާތައް ފުނި ޖެހިފައި އޮންނަތާ ދުވަސްތަކެއް ފަހުން ގިނަ އިސްލާހުތަކެއް މެންބަރު ހަސަން ލަތީފް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅުއްވާފައެވެ.
އެއާ އެކު ކުޅިވަރު އެސޯސިއޭޝަންތަކުގެ މަގާމުތަކުގައި ތިބި ބޭފުޅުންނާއި، ކުޅިވަރުގެ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅުކޮށްފައިވާ އިރު، އެ އިސްލާހުތައް ފާސްކޮށްފި ނަމަ ބައިނަލް އަގުވާމީ ފެޑެރޭޝަންތަކުން ރާއްޖޭގެ ގިނަ ކުޅިވަރުތައް ސަސްޕެންޑް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޅިވަރު ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ނެރެފައިވާ ބަޔާނެއް ލިބިފައިވާ ކަމަށެވެ.
ގައުމީ 18 ކުޅިވަރު އެސޯސިއޭޝަންތަކުން ސޮއިކޮށްފައިވާ އެ ބަޔާނުގައި ފަސްކަމެއް ފާހަގަކޮށްފައިވާ އިރު، މި އިސްލާހުތަކުގެ ސަބަބުން އޮލިމްޕިކް ޗާޓަރާ ޙިލާފުވެ އޮލިމްޕިކް މޫމަންޓުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ ބިރު އޮތްކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އެސޯސިއޭޝަންތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން:
ހުށައަޅާފައިވާ މި އިސްލާހަކީ ބައިނަލް އަގުވާމީ އޮލިމްޕިކް ޗާތަރުގެ 27.5 27.6 މާއްދާއާއި ޙިލާފު އިސްލާހެކެވެ.
- އެގޮތުން މި އިސްލާހު ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައުން ވާނީ އޮލިމްޕިކް ޗާޓަރުގެ 27.9 މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށެވެ.
- ވުމާއެކު މިކަމުގެ ނަތީޖާއެއްގެ ގޮތުން މިޗާޓަރުގެ 59 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އޮލިމްޕިކް މޫމަންޓުން ދިވެހި ރާއްޖެ ސަސްޕެންޑް ވެގެންދާނެކަން މި މާއްދާތަކުން ސާފުކޮށް އެނގެން އޮތަތީ މިކަންބޮޑުވުން ފާހަގަ ކުރަމެވެ.
- ދުނިޔޭގެ ކުޅިވަރު ތާރީހުގައި މިޒާތުގެ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ސަސްޕެންޑް ވެފައިވާ ކަން ފެންނަން އޮތް އިރު، މިކަހަލަ ކަމެއްގެ ސަބަބުން ދިވެހި ރާއްޖެ ސަސްޕެންޑް ވުމަކީ ދވެހި ރާއްޖޭގެ ކުޅިވަރު އާއިލާއާއި ކުޅިވަރު ލޯބި ކުރާ އެއްވެސް ދިވެހި ރައްޔިތަކު އެދޭ ކަމެއް ނޫންކަމުގައި ދެކެމެވެ.
- މިކަރުދާހުގެ ހަތަރުވަނަ ނަންބަރާއި ވިދިގެން އަންނަ އެކި އެކި ނަންބަރުތަކުގައި ހިމެނޭ އެކި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދާއި ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، ކުޅުންތެރިން ވީއްލުމާއި، އިދާރީ ހިންގުމުގެ އުސޫލުތަކާއި ގުޅޭގޮތުން ހިމަނާފައިވާ ގިނަ އިސްލާހުތަކަކީ ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނުން ބާރު ލިބިދީގެން ހަދާފައިވާ އެކި އެކި ގަވާއިދުތަކުގައި ހިމެނޭ ކަންތައްތަކެވެެ.
ރާއްޖެ ޓީވީ ޕްރޮގްރާމްގައި މީގެ ކުރިން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ވައުދަކީ ކުޅިވަރުގެ ގާނޫނު އިސްލާހުކުރުމަށް ފަހު ކުޅިވަރާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން ކަމަށެވެ. އެހެންވެ ކުޅިވަރުގެ ގާނޫނު އިސްހާހުކުރުމަކީ، ކުޅިވަރުގެ ގައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ވަރަށް މުހިއްމުވެފައި އޮތްކަމެއްކަން ހަސަން ފާހަގަކުރެއްވި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ މިހާރު އޮތް ކުޅިވަރުގެ އޮނިގަނޑުން އެއަށް ވުރެ ބޮޑަށް ހަރުދަނާކުރުން ކަމަށާއި އޮނިގަނޑުގައިވާ އެހެން މުއައްސަސާތައް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާއި ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަން ސްޕޯޓްސް އިންސްޓިޓިއުޓްގެ މަސައްކަތްތަކާ ސްޕޯޓްސް ކައުންސިލްގެ ދައުރު ކިހާ ވަރަކަށްތޯ ފުށުއަރަނީ ބެލުން ވެސް ހިމެނޭ ކަމަށް ހަސަން ވިދާޅުވި އެވެ.