02 Nov 2020, 20:34
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި އެ ދޯނީގެ ކެޕްޓަންގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ފަރާތުން ކުރި އިސްތިއުނާފުގައި މަސްތުވާތަކެތި ފެނުނު ދޯންޏަށް ފުލުހުން އެރީ ކޯޓު އަމުރަކާ ނުލާ ކަމަށާއި އަދި ދޯނީގެ ކެޕްޓަން ނުވަތަ ވެރިފަރާތުގެ ވެސް ހުއްދަ ހޯދުމަކާ ނުލައި ކަމަށް ބުނެފައިވެއެވެ.
އެ މައްސަލައިގައި ހިމެނޭ ޑްރަގު ނެޓްވޯކުގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރޭގައިހިމެނޭ އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ލައިޓްހައުސް/ ގއ. ވިލިނގިލި ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.
އަހްމަދު މޫސާގެ ބަންދަށް ފުރަތަމަ ކޯޓުން ފަސް ދުވަސް ދިން ނަމަވެސް، ފަހުން ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަސް ވަނީ ޖަހާފައެވެ.
ޝަހީބު އިބްރާހީމާއި އިތުރު ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވެއެވެ. ނަމަވެސް ޝަހީބު އިބްރާހީމް މިހާރު ވަނީ ކޯޓުން ދޫކޮށްލައިފައެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރަން ވަނީ ނިންމައިފައެވެ.