02 Nov 2020, 19:47
ގާނޫނާ ހިލާފަށް ދައުލަތުގެ ވަޒީފާތަކުން ވަކި ކުރާ މީހުންނަށް ބަދަލުގެ ގޮތުގައި އެންމެ ގިނަ ވެގެން އެއް އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ދައުލަތުން އެދުނު ނަމަވެސް، ގާނޫނުގައި އެގޮތަށް ލިމިޓު ކުރެވޭނެ ގޮތެއް ބަޔާންކޮށްފައި ނެތުމުން އެގޮތަށް ބަދަލު ނަގައިދޭ މިންވަރު ލިމިޓު ނުކުރަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ބަދަލު ނަގައިދޭން ދައުލަތުން އެދިފައި ވަނީ 2013 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން އަލީ ވަހީދު ކިޔާ މީހަކު ވަކި ކުރި މައްސަލައެއްގެ އިސްތިއުނާފު މަރުހަލާގަ އެވެ. އެ މީހާގެ ވަޒީފާ އަލުން ދީ، ވަޒީފާއިން ކަނޑާލާފައި ހުރި މުއްދަތަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ކުރިން ބާތިލިކޮށްފަ އެވެ. އެހެންވެ، އަލީ ވަހީދުގެ ފަރާތުން ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް ދައުލަތުން އެއްބަސްވެ އެވެ. ނަމަވެސް، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން އެދިފައި ވަނީ ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތް އޭނާއަށް ދިނުމަކީ އިންސާފުވެރިގޮތެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެއީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ދައުލަތުން އެދޭ އެދުމެއް ކަމަށް އަލީ ވަހީދުގެ ފަރާތުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އިއްވައި، ދެން މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ތާއީދު ކުރެއްވި ރައުޔުގައި، ބަދަލު ނަގައިދެވޭނެ މުއްދަތު ލިމިޓުކޮށްފައިވާ އެހެން ގައުމުތަކުގެ މިސާލު ނަގާފައިވެ އެވެ.
އެގޮތުން އިނގިރޭސިވިލާތުގައި ބަދަލު ނަގައިދޭ އެންމެ މަތީ މިންވަރެއްގެ ގޮތުގައި 12 މަސް ކަނޑައަޅާފައި އޮންނަ އިރު، އޮސްޓްރޭލިއާގައި އޮންނަނީ ހަ މަސް ކަން ފާހަގަ ކުރި އެވެ. އެ ގައުމުތަކުގައި ބަދަލު ނަގައިދެނީ މުވައްޒަފުގެ ވަޒީފާ ރުޖޫއަ ނުކުރާ ނަމަކަމަށް ހުކުމުގައި ފާހަަގަ ކުރި އެވެ.
އެފަދަ ގައުމުތަކުގައި އެގޮތަށް އެކަން ކުރަނީ ގާނޫނުގައި އެ ގޮތަށް ކަނޑައަޅާފައި އޮންނާތީކަން ހުކުމުގައި ފާހަގަ ކުރި އެވެ. ނަމަވެސް، ރާއްޖޭގައި އެގޮތަށް ބަދަލު ލިމިޓު ކުރެވޭނެ ގޮތަށް ގާނޫނެއްގައި ނޯންނަކަން ހުކުމުގައި ފާހަގަ ކުރި އެވެ.
"ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައި ނުވަތަ އެ ނޫން ގާނޫނެއްގައިވެސް ބަދަލުގެ މިންވަރު މަހުދޫދު [ލިމިޓް] ކުރެވިފައި ނުވާތިވެ މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކި ކުރެވޭ ހިނދު ނަގައިދެވޭ ބަދަލު މަހުދޫދު ކުރެވިފައި ނުވާ ކަމަށް ބަލަން ޖެހެ އެވެ،" ހުކުމުގައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވެސް ނުވަތަ އެހެން ގާނޫނެއްގައިވެސް ބަދަލު ދޭން ޖެހޭ މިންވަރު ލިމިޓުކޮށްފައި ނުވާތީވެ، އަދި އަލީ ވަހީދު އެކަމަށް އެއްބަސް ނުވާތީވެ، އަލީ ވަހީދަށް ދައުލަތުން ދޭން ޖެހޭ ބަދަލު އެއް އަހަރަށް ލިމިޓު ކުރެވޭނެ ކަމަށް ފަނޑިޔާރުން ގަބޫލު ނުކުރައްވާ ކަމަށް ހުކުމުގައިވެ އެވެ.
"ބޭއިންސާފުން އަލީ ވަހީދު ވަކި ކުރުމާ ގުޅިގެން އެއް އަހަރު ދުވަހުގެ މިންވަރުގެ ބަދަލެއް ހުށަހަޅާފައިވަނީ، މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުން އަމަލު ކުރާ ގޮތްކަމަށް ބަޔާންކޮށް، ބަދަލުގެ މިންވަރު މަހުދޫދު [ލިމިޓު] ކުރަން ކަމަށްވާއިރު، އެ ހުށަހެޅުމަށް އޭނާ އިންކާރު ކުރާ ހާލަތުގައި، ވަޒީފާއާ ބެހޭ ގާނޫނުގައި ނުވަތަ އެ ނޫން ގާނޫނެއްގައި ވެސް ބަދަލުގެ މިންވަރު މަހުދޫދު ކުރެވިފައި ނުވާތީވެ، ގާނޫނުން ބަދަލުގެ މިންވަރު މަހުދޫދު ކުރެވިފައިވާ ގައުމުތަކުގައި އަމަލު ކުރާ ފަދައިން، އަލީ ވަހީދަށް ދައުލަތުން ހުށަހެޅުއްވި ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މަހުދޫދުކޮށް ބަދަލު ނަގައިދެވިދާނެ ކަމަށް އަހުރެން ނުދެކެމެވެ،" ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައެޅީ އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ނުހައްގުން ކަމަށާއި، އޭނާގެ ވަޒީފާ ރުޖޫއަ ކުރުމަށާއި، އޭނާ އަށް އަދުލުވެރި ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ.
ބަދަލު ދޭ މުއްދަތު އެއް އަހަރަށް ލިމިޓު ކުރަން ދައުލަތުން އެދުމުން އެކަމަށް ބައެއް ވަކީލުން މީގެ ކުރިން ފާޑު ވިދާޅުވެފައިވެ އެވެ. އެގޮތުން މީގެ ކުރިން ވަޒީފާއިން ވަކި ކުރި ގިނަ ބައެއްގެ ވަޒީފާ ރުޖޫއަކޮށް، ބޮޑެތި އަދަދުތަކުން ބަދަލުދިންކަން ފާހަގަ ކުރި އެވެ. އަދި ސެޓަލްމެންޓް ކޮމެޓީއިން މިލިއަނުން ބަދަލުދޭން ނިންމާއިރު، މިފަދަ މައްސަލަތަކުގައި ތަފާތު ކުރަން ބޭނުންވަނީ ކީއްވެތޯ ބައެއް ވަކީލުން ސުވާލު އުފެއްދި އެވެ.