20 Jan 2012, 15:07
ރޭ މާލޭގައި ކުރި މުޒާހަރާގައި މާލެތެރޭގެ އަމާންކަން ގެއްލުވާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިން ފަރާތްތައް ހިފާ ހައްޔަރުކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން އިންޒާރުކޮށްފި އެވެ.
ފުލުހުން ބުނީ މަރުކަޒީ ބޭންކް އެމްއެމްއޭ ބިލްޑިން ކައިރިއަށް ބަޔަކު އެއްވެ ރޭ ކުރި މުޒާހަރާ ރޫޅައިލީ ފުލުހުންގެ ސަފުތައް ރޫޅާލަން މަސައްކަތް ކުރުމުން ކަމަށެވެ. އަދި މުޒާހަރާ ރޫޅާލުމާއި ގުޅިގެން ފަސް ފުލުހަކަށް ބޮޑެތި އަނިޔާ ލިބިފައިވާއިރު ގިނަ ޢަދަދެއްގެ ފުލުހުން އެކިވަރުވަރަށް ޒަހަމްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ރޭ ހަމަ ނުޖެހުން ހިންގައި، ސަރުކާރުގެ އޮފީސްތަކަށާއި އެއްޗެއްސަށާއި ރައްޔިތުންގެ ގޯތިގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުން ދީފައިވާ ކަމަށެވެ.
އެމްއެމްއޭގެ ބިއްލޫރިތައް ތަޅާލައި ފުލުހުންގެ ތިން ވެހިކަލާއި ގައުމީ ދިފާއީ ބާރުގެ ވެހިކަލަކަށާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ކާރުކޮޅަށް ގެއްލުންދިން އިރު ބައެއް މިނިސްޓަރުން ދިރިއުޅުއްވާ ގެކޮޅަށް ވެސް ބޮޑެތި ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ މާލޭގެ މަގުތަކުގައި އިންދާފައިވާ ގަސްތައް އުފުރާލައި ބައެއް ގަސްތައް ބިނދެލުން ފަދަ ގެއްލުންތައް ރޭ ވެސް ދިން ކަމަށެވެ.
"މާލެތެރޭގެ އަމާންކަން ގެއްލުވާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ ޢާއްމު ރައްޔިތުންގެ ގޯތިގެދޮރަށް ގެއްލުންދިނުމަށް ހިންގާފައިވާ މިޢަމަލުތައް ހިންގި ފަރާތްތައް ހިފާ ހައްޔަރުކޮށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
ފުލުހުން ބުނީ މާލެތެރޭގެ އަމަން އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް އެފަދަ ފުރުޞަތުތައް ނުދޭނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށް މުދާ ޙިމާޔަތް ކުރަން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި އެއްވެސް ފަރާތަކުން އެފަދަ ކަމެއްގައި ބައިވެރި ނުވުމަށް ވެސް ފުލުހުން ވަނީ އިންޒާރުކޮށްފަ އެވެ.