ޖަނަވާރަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެހެން ނަމަވެސް، އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޖަނަވާރަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ގެނައީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރާތުން ކަމަށެވެ.

އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަަމށާއި ނަމަވެސް މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ބަލަމުން އަންނަނީ އައްޑޫ ސިޓީގައި ވާލަކަށް އަނިޔާކުރި މައްސަލައެކެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުން ވާލެއްގެ ކަރުގައި ވާގަނޑެއް އައްސައި، އެ ވާ ހޮޅިއެއްގައި ބަނދެފައި ހުރެއެވެ.

އަދި އެއީ ވާލުގެ އުނދަގުލުގެ ސަބަބުން މި އަހަރު ޖަނބުރޯލި ރޯދި ނުކުރައްވައިގެން ވާލަށް އައި ހުކުމް ކަމަށް ވެސް ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި ވާލުގެ އުނދަގޫ ބޮޑުވެގެން އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ވާލުގެ އިތުރުން ކޮން ބައެއްކަން ނޭނގޭ ބަޔަކު އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބުން، އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވާކަމުގެ ޝަކުވާ ވެސް ރައްޔިތުން ވަނީ ކޮށްފައެވެ.

ކާޅުގެ އުނދަގޫ ބޮޑުވެ، ކާޅުތައް ނައްތާލުމުގެ ހުއްދައަކަށް އައްޑޫ ސިޓީ ކައުންސިލުން އެދުނެވެ. އަދި މިހާރު އެ ހުއްދަ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ދީފައެވެ.

ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން ބަޑިޖަހައިގެން ވާލާއި ކާޅު މަރައިދޭން މީހުން އެދެމުން އަންނަ ކަމަށާއި، ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައެވެ.