02 Nov 2020, 15:02
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިދިޔަ މަހު 20 ވަނަ ދުވަހު އެވެ.
އެއާއެކު މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ފެށިއެވެ. އެ ކޮމިޓީން ނިންމީ، އެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއު ކުރުމަށް ލަފާ އެރުވުމަށެވެ.
ކޮމިޓީގެ ނިންމުންތަކަށް މިއަދުގެ މަޖިލިސް ޖަލްސާގައި މިއަދު ވޯޓަށް އެހި އިރު، އެ އެގޮތަށް ފާސްވީ، 50 މެމްބަރުގެ ވޯޓާއެކު އެވެ.
ކޮމިޓީން ތިން ހުށަހެޅުމަށް ހުށަހެޅުމަށް އޮތީ ފާސްކޮށްފައެވެ. މުރާޖާ ކުރުމުގެ އިތުރުން ދެން ކޮމިޓީން ނިންމީ،މައްސަލަ އަލުން މުރާޖައާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތް ޖުޑިޝަރީ ކޮމިޓީއަށް އެންގުމަށާއި ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތުތައް ހޯއްދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަފާއެރުވުމެވެ.
ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފޮނުވިއެވެ.
ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.